Naasir
Monday, November 16, 2015
Wednesday, May 6, 2015
ކިޔަވައިދިނުމަށް އެހީތެރިވެދޭނެގޮތް
Ø
އުނގަންނައި ދިނުމުގައި އަސަރުފޯރާ ކަންތައްތައް ދެނެގަނެ ކިޔަވައިދިނުމަށް ތައްޔާރުވުމަށް
އެހީތެރިވެދޭނެ.
Ø
މުދައްރިސުން ތައްޔާރުވުމަށާއި، ކިޔަވައިދިނުމުގެ ކަންތައްތައް އިންތިޒާމު
ކުރުމަށް އެހީވެދޭނެ. އަދި ދަރިވަރުންނާ މުޢާމަލާތު ކުރެވޭ ގޮތުން އުނގެނުމަށް
އަސަރުކުރާ ކަމަށާއި، ދަރިވަރުންނާއި މުޢާމަލާތުކުރެވޭ ގޮތުން، ދަރިވަރުންނާ
ރަނގަޅު ގުޅުންތެރިކަމެއް ނެތްނަމަ ކުދިންގެ އުނގެނުމަށް އަސަރުކުރާ ކަމަށާއި،
ކިޔަވައިދިނުމުގައި އޮޅުން ފިލުވައިދެވޭ ގޮތުން ދަރިވަރުންގެ އުނގެނުމަށް އަސަރު
ކުރާކަން އެނގި އުނގަންނައިދިނުމަށް ތައްޔާރު ވުމުގައި އެހީތެރިވެދޭނެ.
Ø
އުނގަންނައިދިނުމުގައި ދަރިވަރުންގެ ވިސްނުން ތަރައްޤީވުމަށް އަސަރުކުރާ
ކަންތައްތަކެއް ހުރިކަން އެނގި، އެ އަސަރުކުރާ ކުރާމިންވަރު ކުޑަކުރުމަށް
އެހީތެރިވެދޭނެ.
o
މުޖުތަމަޢަށާއި އަފުރާދުންނަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން.
o
ދަރިވަރުން އުނގެނުމަށްދޭ ސަމާލުކަން ކުޑަވުން.
ކިޔަވައިދޭ ވެށި ޓެކްނޮލޮޖީގެ ތަރައްޤީއާއި އެއް މިންވަރެއްގައި ތަރައްޤީވެ
ކުރިއަރަމުން ނުދިޔުން -
Friday, March 20, 2015
އުގަންނައި ދިނުމަށް އެހީއެއް
މި ވީޑިޔޯ އަކީ ތަފާތު ފެންވަރުގެ ދަރިވަރުންނަށް އެއް ފިލާވަޅެއްގައި އެހީތެރިވެދިނުމުގައި ގެންގުޅެވިދާނެ އުކުޅުތައް ދެނެވިދާނެ އެހީއެކެވެ. ޚާއްޞަ ގޮތެއްގައި އުނގަންނައިދިނުމުގައި އަލަށް ގުޅި ވަޑައިގަންނަވާ ބޭފުޅުންނަށް މި ވީޑިޔޯ އިން ވަރަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމުގައި ދެކެމެވެ.
Thursday, March 5, 2015
ދަރިވަރުންގެ އުނގެނުމަށް އަސަރު ފޯރުވާގޮތް
(ހ) މުދައްރިސްގެ ތައްޔާރުވުމާއި އިންތިޒާމްކަން
ދަރިވަރުންގެ އުނގެނުމުގެ ބިންގާ
އަޅައިދޭ ތަނަކީ ސްކޫލް މަދަރުސާ ތަކެވެ. އެ ދަރިވަރުންގެ ސިކުނޑިތައް ހާނާ
ތަރުބިއްޔަތުކޮށް ކަންތައްތައް ދަސްކޮށްދީ ހަދަނީ އެ ދަރިވަރުންގެ ދެވަނަ
މައިންބަފައިން ކަމުގައިވާ މުދައްރިސުންނެވެ. އެހެންކަމުން މުދައްރިސުންނަކީ
ވަރަށް ގިނަ ޒިންމާތަކެއް ބޮލުގައި އެޅިފައިވާ ބައެކެވެ. ވަރަށްބޮޑު
މަސްއޫލިއްޔަތެއް އުފުލަން ޖެހިފައިވާ ބައެކެވެ. އެގޮތުންވެސް މުދައްރިސްގެ
ކޮނޑުގައި އެޅިފައިވާ އެންމެބޮޑު އެއް މަސްއޫލިއްޔަތަކީ އުނގަންނައި ދިނުމެވެ.
"ޕްލޭންކޮށް ތައްޔާރުވުން އޮންނަންވާނީ ވަރަށް 'ފްލެކްސިބަލް' ކޮށެވެ.
ކްލާހުގެ ކޮންމެ މިނިޓެއް ފުރާލާ، ހުރިހާ ކަމެއް މާ ބޮޑަށް ޕްލޭން ކުރާ ޓީޗަރުންގެ
ދަރިވަރުންނަށްވުރެ 'ފްލެކްސިބަލް' ޓީޗަރުންގެ ދަރިވަރުން ގެ ދަސްކުރުން
ރަނގަޅުކަމަށް ފާހަގަ ކުރެވެއެވެ" (ޝެވެލްސަން، 1987).
ކޮންމެއަކަސް ކަމެއް ކުރުމުގެ ކުރިން
އެކަމެއް ކުރިޔަށް ގެންދާނެގޮތް ރަނގަޅަށް ރާވާލުމަކީ އެކަމެއް ކާމިޔާބުކަމާއެކު
ކޮށް ނިންމާލުމަށް ބޭނުންވާ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މުދައްރިސުންނަކީ
މިމަސައްކަތް އެންމެރަނގަޅަށް އެންމެ ފުރިހަމަ ކަމާއެކު ކުރަންޖެހޭނެ
އެއްބަޔެކެވެ. އެހެނީ މުދައްރިސް ކިޔަވައި ދެއްވުމަށް ބޭނުންވާ ފިލާވަޅު ކުރިޔަށް
ގެންދާނެ ގޮތް ދުރާލާ ރާވާ އިންތިޒާމު ކުރުމަކީ އެ ފިލާވަޅު
ކާމިޔާބުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ކުލާހުގައިތިބޭ
ކުދިންގެ އަދަދުން ފެށިގެން ކިލާހުގައި ތިބި ވަކިވަކި ކުދިންގެ ފެންވަރާ، ވިސްނުމުގެ ޤާބިލުކަން ހުންނަ މިންވަރާ، އުނގެނުމުގެ
ތަފާތުކަން ހުންނަ ދަރިވަރުން ކުރާނެ ކަންތައްތަކަށް ދާންދެން ކުރުވާނެ ކަންތައް
އިންތިޒާމުކޮށް ތައްޔާރުވާން ޖެހޭނެއެވެ. ދަރިވަރުންގެ ބޭނުމާ އަދި އެ
ދަރިވަރުންގެ ޝައުޤުވެރިކަމަށް ވިސްނަން ޖެހޭނެއެވެ. ދަރިވަރުން އުނގެނި
ދަސްކުރުމުގެ އުޞޫލުތަކާމެދު ސަމާލުވުމުގެ އިތުރުން އައުކަންތައްތައް
ދަރިވަރުންނަށް ތައާފުކުރާނެ ގޮތްގޮތާ މެދުވެސް ވިސްނާ ދުރާލާ ތައްޔާރުވެ
އިންތިޒާމު ކުރުމަކީ އުނގަންނައިދޭ ކޮންމެ މުދައްރިސަކުވެސް ކޮންމެހެން
ކުރަންޖެހޭނެ ކަމެކެވެ.
މުދައްރިސުންނަކީ އަބަދުވެސް އުނގަންނައި
ދިނުމަށްޓަކައި ދުރާލާ ތައްޔާރުވާ ބަޔެކެވެ. ކަރިކިއުލަމްގެ މައްޗަށް ބިނާކޮށް
ހެދިފައިވާ ސްކީމްތަކުގައިވާ ފިލާވަޅުތައް ދަރިވަރުންނަށް ކިޔަވައި ދިނުމަށްޓަކައި
މުދައްރިސުން ޕްލޭނެއް ހަދާ ތައްޔާރު ކުރަން ވާނެއެވެ. މިއީ ވަކި ހަމަތަކަކާއި
އުޞޫލުތަކެއްގެ މަތިން ދަރިވަރުންގެ އެއްބާރުލުން ލިބޭފަދަ ގޮތަކަށް ތައްޔާރު
ކުރެވޭ އެއްޗެކެވެ. އަދި މި ޕްލޭން ވާންވާނީ ކަމެއް ގޯސްކޮށް ދާނަމަ އެކަމެއް
ރަނގަޅުކޮށް، ކުދިން ކޮންޓްރޯލު ކުރުވުމަށް
މުދައްރިސަށް އެހީވެދޭ އެއްޗަކަށެވެ. މިއީ ކުދިންގެ ޝައުޤުވެރިކަމާއި، ގެންދާނެ
އެކްޓިވިޓީތައް ބަޔާންކޮށް ދަރިވަރުންގެ ޝައުޤު ދެމެހެއްޓެނިވި ގޮތަކަށް
އަތުރާލެވިފައިވާ އެއްޗެކެވެ. އަދި މިގެންދާނީ ފިލާވަޅު ކާމިޔާބު ފިލާވަޅަކަށް
ހެދުމަށް ފެށުނީއްސުރެ ނިމެންދެން މުދައްރިސް ކުލާހުގައި ކުރާނެ ކަންތައްތައް
ރަމްޒުކޮށްދޭ މަގު ޗާޓެވެ.
ޑޮކްޓަރ މެޑަލިން ހަންޓަރ، (2003) ގެ ދިރާސާއަކުން ފާހަގަވެފައި
ވަނީ، މޮޅު ކާމިޔާބު ޓީޗަރެއްގެ ފިލާވަޅު
ތައްޔާރު ކުރުމުގައި މައިގަނޑު އަށް ކަމަކަށް ސަމާލުކަންދީ އެކަންތައްތައް
ފިލާވަޅުގައި ހިމަނަން ވާނެކަމަށެވެ. އޭގެތެރޭގައި، ފިލާވަޅުގެ ފެށުމުގައި،
ކުރީދުވަހު ނަގާދެވުނު ފިލާވަޅާ ނަގާދޭން އުޅޭ ފިލާވަޅާ ގުޅުވައިދޭ ޝައުޤުވެރި
ކުރު އެކްޓިވިޓީ އެއް ހިމަނަންވާނެއެވެ. ނަގައިދޭންއުޅޭ ފިލާވަޅުގެ މުހިންމުކަމާއި
ބޭނުންތެރިކަން ބުނެދިނުމާއެކު، ފިލާވަޅު ނިމޭއިރު ދަރިވަރުންނަށް ޙާޞިލުވާން
ޖެހޭމިންވަރާއި، އެ މިންވަރު ޙާޞިލުކުރުމަށް ދަރިވަރުން ކުރަންވީ ކަންތައްތައް
އޮޅުންފިލުވައިދޭން ވާނެއެވެ. މީގެއިތުރުން ފިލާވަޅުގެ ތެރެއިން ދަރިވަރުންނަށް
ދަސްވެގެން ދާނެ އާކޮންސެޕްޓްތަކާއި، އާ ބަސްކޮށާރާއި ހުނަރު ދަރިވަރުންނަށް
ސާފުވެފައި އޮތުމުގެ އިތުރުން، ފިލާވަޅު ނިމޭއިރު އޮންނާނެ ގޮތް ކުރެހުމަކުން
ނުވަތަ މައިންޑް މެޕަކުން ބަޔާންކުރަން ވާނެއެވެ. އަދި ދަރިވަރުން ދަސްކުރާ
ހުނަރުތައް ދަސްކުރަމުންދާ ހަރުފަތްތައް މުދައްރިސް ލީޑްކުރާ ގޮތަށް ފިލާވަޅުގެ
ތެރޭގައި ފަރުމާ ކުރަންވާނެއެވެ. އަދި ފިލާފަޅު ފަރުމާކުރުމުގައި އަބަދުވެސް
ދަރިވަރުންނަށް އޮޅުންފިލާ މިންވަރު ބެލޭނެހެން ރޭވުމާއި، ފިލާވަޅުގެ ތެރޭގައި
ދަރިވަރުންނަށް އަމިއްލަ ތަޖުރިބާ ކުރުމުގެ ފުރުޞަތު ލިބޭނެހެން ފަރުމާ
ކުރަންވާނެއެވެ. ހަމައެއާއެކު، ކުދިން އުނގެނުނު އެއްޗެއް ރަނގަޅަށް
ހަނދާންހުންނާނެ ރަނގަޅު ނިންމުމެއް ގެނައުން އެއީ ކޮންމެހެން ކުރަންޖެހޭނެ
ކަމެކެވެ.
މިގޮތުގެމަތިން ކިޔަވައިދިނުމަށް
ތައްޔާރުވެ ކިޔަވައިދިނުމަށް ބޭނުންކުރާ ފުރިހަމަ އެހީ އާއެކު މުދައްރިސުން
ކިލާސްތަކަށް ވަޑައިގެން ކިޔަވައި ދެއްވުމަކީ ދަރިވަރުން އުނގެނުމަށް ޝައުޤުވެރި
ވާނެކަމެކެވެ. މިކަމުގެ ސަބަބުން ޙާޞިލުވާ މިންވަރު އިތުރުވެ އެ ދަސްކުރާ
މަޢުލޫމަތާއި ހުނަރު ދިރިއުޅުމުގައި ދަރިވަރުންނަށް ބޭނުންކުރުމަށް ހިތްވަރު ލިބިގެންދާނެއެވެ.
މިހެން މިކަން ނުވެއްޖެނަމަ ދަރިވަރުން
އުނގެނުންމަތިން ފޫހި ވެގެން ހިނގައިދާނެއެވެ. ދަރިވަރުންނަށް ޙާޞިލުކޮށްދޭން
ބޭނުންވާ މަޢުލޫމާތާއި ހުނަރު ލިބިގެނެއް ނުދާނެއެވެ. މީގެއިތުރުން ކުލާހުގައި
ތިބޭ އެކިފެންވަރުގެ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުންތެރިކަން ނުލިބި
އެކުދިންގެ ތަޢުލީމީ ޙަޔާތް މުޅިން ބަނަވެގެން ހިގައިދާނެއެވެ. އެހެންކަމުން
ކޮންމެ މުދައްރިސަކުވެސް ކިޔަވައިދެއްވުމަށް ކުލާހަށް ވަޑައިގަތުމުގެ ކުރިން
ރަނގަޅަށް ތައްޔާރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.
(ށ) ކުލާހުގައި ދަރިވަރުންނާއި ކުރެވޭ މުޢާމަލާތު:
ކިޔަވައިދެއްވާ މުދައްރިސެއްގެ އެންމެ
މުހިންމު އަދި އެންމެ ބޭނުންތެރި އެއްބަޔަކީ ދަރިވަރުންނަށް މަޢުލޫމާތު ދިނުމާއި
މަޢުލޫމާތު ފޯރު ކޮށްދިނުމެވެ. މި ހުނަރުގެ ސަބަބުން ދަރިވަރުންނަށް އުނގަންނައިދޭން
ބޭނުންވާ އެއްޗެއް އުނގަންނައިދޭން ފަސޭހަވެގެން ދެއެވެ. އެހެންކަމުން މުދައްރިސާ
ދަރިވަރާ ދެމެދު ރަނގަޅު މުއާމަލާތު ކުރެވޭ ބަދަހި ގުޅުމެއް އޮތުމަކީ ވަރަށް
މުހިންމު ކަމެކެވެ. އެހެނީ ރަނގަޅު އުނގެނުމުގެ ވެއްޓެއް ޤާއިމު ކުރެވޭނީ ރަނގަޅަށް
މުޢާމަލާތު ކުރެވޭ ގާތްކަމެއް އުފެއްދިގެންނެވެ. ރަނގަޅަށް މުޢާމަލާތު ކުރުމުގެ
މާޙައުލެއް ޤާއިމު ނުކުރެވިއްޖެނަމަ ދަރިވަރުންގެ އެއްވެސް ޚިޔާލެއް، އަދި ބައިވެރިވުމެއް
ނުލިބޭނެއެވެ. މީގެއިތުރުން ދަރިވަރުންނާ މުދައްރިސުންގެ މެދުގައި ފުށުއަރަނިވި
ކަންތައްތައް (މިސްއަންޑަސްޓޭންޑިން) ދިމާވާނެއެވެ. މިއީ ވަރަށްބޮޑަށް ސަމާލުކަން
ދޭންޖެހޭނެ ކަމެކެވެ. ސަބަބަކީ މުދައްރިސުން ދަރިވަރުންނަށް އުނގަންނައިދޭ
އެއްޗެއް ރަނގަޅަށް ކުދިންނަށް އޮޅުން ނުފިލުމާއި، އަދި ކުދިންނަށް އޮޅުންފިލި
ނުވަތަ އޮޅުން ފިލުވަދޭންވީ މިންވަރުވެސް މުދައްރިސަށް ސާފު ނުވާނެތީއެވެ.
އެހެންކަމުން ކުދިންނާއިއެކު ރަނގަޅު މުޢާމަލާތު ކުރެވޭ މާޙައުލެއް އުފެއްދުމަކީ
ވަރަށް މުހިންމު ކަމެކެވެ.
ދަރިވަރުންނާ
ކުލާހުގައި މުދައްރިސުން މުޢާމަލާތު ކުރާ ގޮތަކީ އެކުދިންގެ އުނގެނުމަށް އަސަރު
ކުރުވާ ކަމެކެވެ. މުދައްރިސުންނަކީ ދަރިވަރުންނަށް ވަރަށް އޯގާވެރި ކަމާއެކު
ވާހަކަދައްކައި، ކިޔެވުމުގައި ހިތްވަރުދީ އެކުވެރި ގާތް ގުޅުމެއް ބާވާ ބައެއްނަމަ
ދަރިވަރުން އަމިއްލަ ނަފުސަށް އިތުބާރުކުރާ މިންވަރު އިތުރު ވެގެން ދާނެއެވެ.
ކަންކަމުގައި އިސްނަގައި ހަރަކާތްތެރި ވުމަށް ހިތްވަރު ލިބިގެން ދެއެވެ.
ޝައުޤުވެރިކަމާއެކު ބައިވެރިވާ ހުނަރުވެރި ބަޔަކަށް ވުމުގެ ފުރުޞަތު ބޮޑުވެގެން
ދާނެކަމަށް ދެކެމެވެ. ޖޯންސަން ޑީ.ޑަބްލިޔު އަދި ޖޯންސަން އާރު (1994)
ހާމަކުރައްވާ ގޮތުގައި، ދަރިވަރުންގެ މެދުގައި އޮންނަ ގުޅުންތެރިކަން ރަނގަޅު
ކުރުމަށްޓަކައި، މުދައްރިސުން ވަކިވަކި ދަރިވަރުންގެ މަސައްކަތްތައް ބަލައި
ފީޑްބެކްދީ، އިރުޝާދު ދިނުމާއެކު ހިތްވަރުދީ، ތަރުހީބު ދިނުމުން ދަރިވަރުންގެ
ބައިވެރިވުން އިތުރުވެ ހުނަރުވެރި ބަޔަކަށް ވުމުގެ ފުރުޞަތު އިތުރުވެގެން ދެއެވެ.
ކުލާހުގައި މުދައްރިސު މުޢާމަލަތު
ކުރަންވާނީ ދަރިވަރުންނަށް ވަރަށް ލޯތްބާއި އިޙުތިރާމާއި، ހިތްހެޔޮ ކަމާއެކު
ގައެވެ. އުފާވެރިކަމާއި، ހިނިތުންވެ ހުރެ ދަރިވަރުންނާ މުޢާމަލާތު ކުރުމަކީ
ހިތްހަމަޖެހުން އިތުރު ވާނެ ކަމެކެވެ. ދަރިވަރުންނަށް ގޮވާލާ ޙާލު އަހާލާ
ހެދުންފަދަ ކަންކަމުން މުދައްރިސާ ދަރިވަރާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް
ބަދަހި ވެގެން ދެއެވެ. ދަރިވަރު މުދައްރިސަށް ކުރާ އިތުބާރު ބޮޑުވެގެން ދާނެއެވެ.
އެއާޚިލާފަށް މުދައްރިސުންނަކީ
ދަރިވަރުންނާ އެކުވެރި ގާތް ގުޅުމެއް ނެތް، މީހަކަށް ވާނަމަ އެކަމުގެ ސަބަބުން
ދަރިވަރުންގެ އުނގެނުމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރާނެއެވެ. ދަރިވަރުން
ކިޔެވުންމަތިން ފޫހިވެ، ޝައުޤުވެރިކަން ގެއްލިގެން ދާނެއެވެ. އިޙުތިރާމު ކުރުމާއި
ޤަދަރުކުރުން ފަދަ މުހިންމު ސިފަތަށް ނެތި ކަންކުރުމުގައި ފަސްޖެހޭގޮތް މެދުވެރި
ވާނެއެވެ. އެހެންކަމުން ކޮންމެ މުދައްރިސަކީ ދަރިވަރުންނަށް އިޙުތިރާމާ ލޯތްބާއެކު
މުޢާމަލާތު ކުރާބަޔަށް ވުމަކީ އެ ދަރިވަރުންގެ އުނގެނުމުގެ ޙަޔާތް ބާއްޖަވެރި
ކުރުމަށް ވެދެވޭ އެހީތެރި ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެމެވެ.
(ނ) ދަރިވަރުންނާއި އޮންނަ ގުޅުން
އަޅުގަނޑުމެން އެންމެންމެ ޤަބޫލުކުރާ
ގޮތުގައި މުދައްރިސުންނަނީ ވަރަށް މުހިންމު އަދި އެހާމެ ކުޅަދާނަ ބަޔެކެވެ. އަދި
ގިނަގުނަ ހުނަރުވެރިކަމެއް ލިބިފައިވާ ބަޔެކެވެ. އެގޮތުން މުދައްރިސުންގެ
ކުޅަދާނަކަން ދައްކުވައިދޭ އެއްކަމަކީ އޭނާގެ ކިބާގައި ހުންނަ ކިޔަވައިދިނުމުގެ
އާދަޔާ ޚިލާފު ހުނަރެވެ. ހަމައެއާއެކު އެހެންމީހުނަށް އަޅާލާ އޯގާތެރިކަމުގެ
ސިފައާއި، އެހެންމީހުންގެ އިޙުސާސްތައް ވަރަށް ރަނގަޅަށް ދެނެގަތުމުގެ ޤާބިލުކަމަކީ
ކޮންމެ މުދައްރިސެއްގެ ކިބާގައި ހުންނަންޖެހޭ މުހިންމު ސިފައެކެވެ.
"މުދައްރިސްގެ ޝަޙުސިއްޔަތުގައި ހުންނަ ބައެއް ސިފަތަކަކީވެސް
ކިޔަވައިދިނުމަށް މުހިންމު އެހާމެ ބޭނުންތެރި ސިފަތަކަކަށް ވެއެވެ. "ދަރިވަރުންނަށް
އަޅާލާ، އޯގާތެރި، ދަރިވަރުންނާއި ގުޅޭ މަޖާ މޫޑެއްނަމަ ކިޔަވައިދިނުން އިތުރަށް
ހަރުދަނާވުމަށް އެހީތެރިވެ ދެއެވެ" (ޝާރުދާ ސަޢީދު).
މުދައްރިސުން އެ މުދައްރިސެއްގެ
ދަރިވަރުންނާ އޮންނަ ގުޅުން ހާމަވެގެންދާ އެއްކަމަކީ މުދައްރިސަށް ދަރިވަރުންނާ
ގުޅޭގޮތުން ލިބިހުރި މަޢުލޫމާތެވެ. ކިލާހެއްގައި ކިޔަވަން ތިބޭ ވަކިވަކި ކުދިންގެ
ނަންތައް ފުރިހަމަޔަށް އެނގުމާއި، އެކުދިންގެ މައިންބަފައިނާއި، އެ
މައިންބަފައިންގެ މާޒީގެ ފަސްމަންޒަރު ފަދަ މުހިންމު މަޢުލޫމާތުތައް ފުރިހަމަޔަށް
އެނގުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖަކަށް
ވުމެވެ. ތަފާތު އިޙުސާސްތަކެއް ހިނގާ ތަފާތު ޝުޢޫރެއްގެ ވެރިޔަކަށް ވާތީއެވެ.
އެހެންކަމުން ދަރިވަރުންނާއިއެކު އޮންނަ ގުޅުންތެރިކަން ވަރުގަދަކުރުމަށް
ދެންނެވިދިޔަފަދަ މަޢުލޫމާތުގެ ވެރިޔަކަށް މުދައްރިސުން ކޮންމެހެން ވުން
މުހިންމެވެ. "ކިޔަވައިދެމުން ދާއިރު ދަރިވަރުންގެ ތަފާތުކަންކަން ދެނެގަނެ
އެކުދިން ދަސްކޮށް، ތަފާތު ކުދިން މަޢުލޫމާތު ހަޖަމުކުރާނެ ގޮތްތައް ދެނެގަނެ
އެކުދިންނަށް އޮޅުންފިލުވައި ދިނުމުގައި ކޮންމެ ކުއްޖަކަށްވެސް ޚާއްޞަ ގޮތެއްގައި
ޚިޔާލު ބެހެއްޓުމަކީ ކިޔަވައިދިނުން ފުރިހަމަވުމަށް އެހީތެރިވެދޭ
ގޮތްތަކެކެވެ" (ފެކަލްޓީ އޮފް އެޑިޔުކޭޝަން).
ދަރިވަރުންގެ އުނގެނުމުގެ
ތޫނުފިލިކަމާއި، ކުޅަދާނަކަން އަދި އެހީތެރިކަމާއި އަޅާލުން ލިބެންޖެހޭ
ދާއިރާތަކާއި ކަންކަން އޮޅުންފިލުވާ ހެދުމަކީ ކޮންމެ މުދައްރިސަކުވެސް ކޮންމެހެން
ކުރަންވާނެ ކަމެކެވެ. އެކިކުދިންގެ ކިބައިގައި ހުންނާނީ އެކި ކުޅަދާނަކަމެވެ. އެކި
ޤާބިލުކަމެވެ. އެ ކުޅަދާނަކަން ނުވަތަ އެ ޤާބިލުކަން ތަރައްޤީވެގެން އަންނަނީ
މުދައްރިސްގެ ކުޅަދާނަކަމާއި، ހުނަރުވެރިކަމުގެ ތެރެއިންނެވެ. އެހެންކަމުން
މުދައްރިސްގެ އުނގަންނައިދިނުން ކުދިންގެ ޤާބިލުކަމަށް ވިސްނުން ބަހައްޓައިގެން
ކުރިޔަށް ގެންދާނަމަ މުދައްރިސަށް ކުރާ އިތުބާރު ބޮޑުވެ އެކުވެރިކަމާއި
ކުލުނުވެރިކަން އިތުރު ވެގެން ދާނެއެވެ.
ކޮންމެ ދަރިވަރަކީ ތަފާތު
ބެކްރައުންޑެއްގެ ދަރިވަރެކެވެ. އެދަރިވަރުންގެ ސުލޫކާއި، ތަޖުރިބާތައް
ތަފާތުވާނެއެވެ. އެ ދަރިވަރުންގެ އިޖުތިމާޢީ ގުޅުންތެރިކަން ހުންނަގޮތް ތަފާތު
ވާނެއެވެ. އަދި އެ ދަރިވަރުންގެ ސްލޫކީ މިންގަޑު ހުންނަ ގޮތާއި ދަރަޖަތައްވެސް
ތަފާތުވާނެއެވެ. ނަމަވެސް މުދައްރިސުންނަކީ ހުރިހާ ޙާލަތެއްގައިވެސް ދަރިވަރުން
ގޮވައިގެން މަސައްކަތް ކުރެވޭ މީހަކަށް ވާންޖެހޭނެއެވެ. ދަރިވަރުންނާއި ވަރަށް
ގުޅިގެން އޯގާތެރިކަމާއެކު މަސައްކަތްކުރަން ދަންނަ މީހަކަށް ވާންވާނެއެވެ.
ދަރިވަރުންނަށް ފުރިހަމައަށް އިރުޝާދު ދޭ އަދި ދަރިވަރުންގެ ފަރާތުން ކުރިމަތިވާ
ސުވާލުތަކަށް އެންމެ އެކަށީގެންވާ ރަނގަޅު ޖަވާބު ހިތްހެޔޮ ކަމާއެކު ފޯރުކޮށްދޭ މީހަކަށް
ވާންވާނެއެވެ. މިކަމުގެ ސަބަބުން ދަރިވަރުން ބޭނުންވާ ކަންކަމުގެ ވާހަކަތައް
ހުށަހަޅާ، ޚިޔާލު ބަދަލުކުރުމަށް ހިތްވަރު ލިބިގެންދާނެއެވެ. އަދި މުދައްރިސާ
ދަރިވަރުންނާ ދެމެދު އޮންނަ ގުޅުންތެރިކަން ވަރުގަދަ ވެގެން ދާނެއެވެ.
މުދައްރިސުންނަކީ ދަރިވަރުން
އެބަޔެއްގެ ކަންތައްތައް އެންމެ ގާތުން ބަލާ އެއްބަޔެވެ. މުދައްރިސުންގެ އުޅުމާއި،
އަޚުލާޤާ ސުލޫކަކީ އެ ދަރިވަރުން ވަރަށް ފާރަވެރިވާ ކަމެކެވެ. އެހެނީ ދަރިވަރުން
މުދައްރިސުންގެ ބަސްމަގާ އަދި މިޒާޖު ވަރަށް ގިނަފަހަރު ކޮޕީ ކުރެއެވެ. ދަރިވަރުންނާމެދު
ކަންތައްތައް ކުރާގޮތާއި، އެހެންކުދިންނާއެކު އޮންނަ ގުޅުންތެރިކަން ވަރަށް ބޮޑަށް
ބަލައެވެ. އެހެންކަމުން މުދައްރިސް ވާންވާނީ ހުރިހާ ދަރިވަރުންނަށް
ހަމަހަމަކަމާއި، އިންސާފުވެރި ކަމާއެކު އެހީތެރިވެ އަޅާލާ މީހަކަށެވެ. ލޯތްބާއި
ކުލުނުވެރިކަމާއެކު އެހީތެރިވެދޭ މީހަކަށެވެ. މިކަމުގެ ސަބަބުން މުދައްރިސަށް
ދަރިވަރުން ކުރާ އިތުބާރު ބޮޑުވެ ގުޅުންތެރިކަން އިތުރުވެގެން ދާނެއެވެ. މިކަމުގެ
ނަތީޖާއަކަށް ވެގެންދާނީ ދަރިވަރުން ހޯދާ ކާމިޔާބީ އިތުރުވެ، އެދަރިވަރުންގެ
އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑުވެގެން ދިޔުމެވެ.
(ރ) ސާފުކޮށް އޮޅުންފިލާނެހެން ބުނެދިނުން
ޢައިޝަތު ޒަޢީމާ، (2010) ހާމަކުރައްވާ ގޮތުގައި، މުދައްރިސުން ކިލާހުގައި ބަދަހި ގުޅުމެއް އުފެދުމުގައި
މުދައްރިސް ގެންގުޅުއްވާ ތަފާތު އުކުޅުތައް ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ.
ކުލާހެއްގައި ތިބެނީ ތަފާތު ގޮތްގޮތަށް އުނގެނުމުގެ (ސްޓައިލް) ލިބިފައިވާ
ކުދިންނެވެ. އެހެންކަމުން މިކުދިންނަށް އެކަށީގެންވާ ކިޔަވައިދިނުމުގެ
ވަޞިލަތްތައް ބޭނުން ކުރަންޖެހެއެވެ. އަޑުއަހައިގެން ދަސްކުރާ ކުދިންނަށް އޮޅުންފިލާނެ
ފަސޭހަ ގޮތްތަކާއި، ބަލައިގެން ދަސްކުރަން ފަސޭހަ ކުދިންނަށް ރަނގަޅަށް ފަހުމުވާނެ
އުކުޅުތަކެވެ. އަދި ތަޖުރިބާ ކޮށްގެން ދަސްކުރާ ކުދިންނަށް އޮޅުންފިލާނެ މޮޅު ގޮތްތައް
ބޭނުންކުރުމަކީ އެކުދިންނަށް އޮޅުންފިލާ މިންވަރު އިތުރުވެ ކުދިންގެ އުނގެނުމަށް
ބަހައްޓާ ޝައުޤުވެރިކަން އިތުރު ކޮށްދޭނެ ކަމެކެވެ.
ދަރިވަރުންނަށް އޮޅުންފިލުވައި
ދިނުމުގައި ހަށިގަނޑުގެ ހަރަކާތް (ބޮޑީ ލެންގްއޭޖް) އަކީ ކޮންމެހެން
ބޭނުންކުރަންޖެހޭ އުކުޅެކެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް އޮޅުންފިލާ
މިންވަރު އިތުވެއެވެ. އަދި އެ ކިޔާދޭ އެއްޗެއް ދޭހަވުމަށް އެހީތެރިވެ ދެއެވެ. ވީމާ
ކޮންމެ މުދައްރިސަކުވެސް އުނގަންނައިދީ އޮޅުންފިލުވައި ދިނުމުގައި ހަށިގަނޑުގެ
ޙަރަކާތްތައް ދަރިވަރުންނަށް ފަސޭހައިން ފަހުމުވާ ގޮތަށް ބޭނުންކުރަން ވާނެއެވެ.
ސާފުކޮށް އޮޅުން ފިލުވައި ދިނުމުގައި
ދަރިވަރުންނަށް ތަފާތު އެއްޗެތި ދައްކައިގެން އޮޅުންފިލުވައި ދިނުމަކީ
އެކުދިންނަށް ދޭހަވެ ނަގައިގަންނަ މިންވަރު އިތުރު ކޮށްދޭނެ ކަމެކެވެ. ޢައިޝަތު
ޒަޢީމާ، (2010) މިކަމަށް ބާރުދެއްވުމުގެ ގޮތުން ވިދާޅުވެފައިވަނީ، ގިނަކުދިންނަކީ އެހެންމީހުން ކަންތައް ކުރާގޮތް
ބަލައިގެން އެގޮތަށް ކަންތައްކުރަން ދަސްކުރާ ކުދިންނެވެ. އެހެންކަމުން
ދަރިވަރުންނަށް އޮޅުންފިލުވައި ދިނުމުގައި އެކުދިންނަށް އެ ކިޔަވައިދޭ ފިލާވަޅަކާ
ގުޅޭ މަންޒަރު، ފޮޓޯ ނުވަތަ އަސްލު ތަކެތި ދައްކައިގެން އުނގަންނައި ދިނުމަކީ ދޭހަވާ
މިންވަރު އިތުރުވުމުގެ އިތުރަށް، އެކަމެއް ރަނގަޅަށް އޮޅުން ފިލާނެ ކަމެއްވެސް
މެއެވެ.
ދަރިވަރުންގެ ކިބައިން މަތިވެރި އުއްމީދުތަކެއް ކުރެވެނީ
ބިއުރިސް އަދި ވެލްނަރ (2005)
ވިދާޅުވެފައިވަނީ، ދަރިވަރުން އުނގެނޭ މިންވަރު
އިތުރުވެގެން ދަނީ އެކުދިންނަށް މުދައްރިސް ޙަވާލުކުރާ ޗެލެންޖިންގ
މަސައްކަތްތަކުގެ އެހީގައެވެ. ދަރިވަރުންނާމެދު މަތިވެރި އުއްމީދުތަކެއް
މުދައްރިސުން ކުރާތީއެވެ. ދަރިވަރުންނަށް ހިތްވަރު ދީގެން އެކުދިންލައްވާ
މައްސަލަތައް ގުރޫޕްތަކުގައި ނުވަތަ ޕެއާ ތަކުގައި ހައްލުކުރުމުގެ ފުރުޞަތު ދެވޭ
މިންވަރަކުންނެވެ.
އެހެންކަމުން ކިޔަވައިދިނުމުގެ
މާހައުލަކީ ތަފާތު ފެންވަރުގެ ޤާބިލުކަން ހުރި (ޖިސްމާނީ ގޮތުންނާއި ނަފުސާނީ
ގޮތުން) ކުދިންނަށް އެކަށޭނަ މާހައުލަކަށް ހެދުމަށްފަހު ބޮޑަށް ކުދިންގެ
ބައިވެރިވުން ހިމެނޭގޮތަށް ފިލާވަޅުތައް ބައްޓަން ކުރުމަކީ އޭގެނަތީޖާ އެތައް
ގޮތަކުން ރަނގަޅު ވާނެކަމެކެވެ. އުނގަންނައިދިނުމުގައި ދަރިވަރުންނަށް އެކުދިންގެ
ޤާބިލު ކަމަށް އިސްކަންދީގެން ގިނަ ފުރުޞަތުދީ، އެއްކުއްޖަކު އަނެއް ކުއްޖަކާ
މަޝްވަރާ ކުރުމާއި، ކަންކަމާ މެދު ދެކޭގޮތް އެއްކުއްޖަކު އަނެއް ކުއްޖަކާ
ހިއްސާކުރުމަކީ ކުދިންގެ ވިސްނުން ފުޅާވެ ކުދިންގެ ވިސްނުން ތަރައްޤީވެ ދާނެ
ކަމެކެވެ. މީގެއިތުރުން ކަންކަމުގައި ވިސްނުން ބަހަންޓަންވި ގޮތް ދަސްވެ
އާދަޔާޚިލާފު ގޮތްތަކަށް ދަރިވަރުންގެ ވިސްނުން ފަހިކޮށްދޭނެއެވެ. އެހެންކަމުން
ކިޔަވައި ދިނުމުގައި އުނގެނުމުގެ ފަހުގެ ގޮތްތައް ބޭނުންކުރުމަކީ މުދައްރިސުން ގެ
އުއްމީދުތަކާއި އެއްމިންވަރަށް ކުދިންގެ ވިސްނުން ތަރައްޤީ ކުރުވާނެ ކަމެކެވެ.
މުދައްރިސުން އަބަދުވެސް ދަރިވަރުންނާމެދު
މަތީ އުއްމީދުތަކެއް ކުރާ، އަދި މަތީ ކާމިޔާބުތަކެއް ހޯދިދާނެކަމަށް ޤަބޫލު
ކުރާނަމަ، އެފަދަ މުދައްރިސުން ކިޔަވައިދޭ ދަރިވަރުން އެކުދިންގެ މަސައްކަތުގައި
ކާމިޔާބީއަށް ގަދައަޅާ މަސައްކަތް ކުރާނެއެވެ. މެހަން، (2007) ހާމަކުރައްވާ ގޮތުގައި، ދަރިވަރުންނަށް
ކުރެވޭ ހުޅުވާލެވިފައިވާ ސުވާލުތަކުގެ ސަބަބުން ދަރިވަރުންނަށް ފެންނަ ގޮތް
ހާމަކުރުމަށް ފުރުޞަތު ލިބިގެން ދާނެއެވެ. ހަމައެއާއެކު މުދައްރިސުން ދަރިވަރުންނަށް
ޙަވާލުކުރެވޭ މަސައްކަތްތަކަކީ ޢަމަލީގޮތުން ޙަރަކާތްތެރިވެ އޮބްޒޯވްކޮށް
ވަޒަންކުރުމުގެ ހުނަރު ތަރައްޤީ ކުރުމަށް އެހީވެދޭ މަސައްކަތްތަކަކަށް ހަދަން
ޖެހޭނެއެވެ. އަދި ގޭގައި ކުރުމަށް ދެވޭ މަސައްކަތްތަކަކީ ދަރިވަރުން ރިސާޗް
ކޮށްގެން ކުރެވޭ ދަރިވަރުން ޝައުޤުވެރި މަސައްކަތްތަކަކަށް ވާންވާނެއެވެ.
އެހެންކަމުން އުނގަންނައި ދޭއިރު ދަރިވަރުންނަށް
ލިބިފައިވާ މަޢުލޫމާތު އެއްކުއްޖަކު އަނެއް ކުއްޖަކާ ޙިއްސާކޮށް، މަޝްވަރާ
ކުރުމުގެ ފުރުޞަތު ދޭންޖެހެއެވެ. ކަންކަމާ ގުޅޭ ފޮޓޯ، ވީޑިޔޯ ބަލައިގެން ގުރޫޕް
ތަކުގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ދޭންޖެހެއެވެ. ތަފާތު
ކަންކަމާގުޅޭ ޕްރޮޖެކްޓް މަސައްކަތްތައް ސްކޫލްގައާއި، ގޭގައި ފަންނީ
މަސައްކަތްތައް ކުދިންލައްވާ ކުރުވަންޖެހެއެވެ. "ތަޢުލީމީ ގޮތުން ކުރިޔަށް
ނުދެވޭ ދަރިވަރުންނަށްވެސް އެކުދިންގެ ހުނަރު ތަރައްޤީކޮށް، ޤައުމަށް ޚިދުމަތްތެރި
މީހަކަށް ވެވޭނެމަގު ސްކޫލްގެ ތެރެއިން ތަނަވަސް ވާންޖެހެނެ. (ޢައިޝަތު ޝިހާމް، 2014). އޭރުން އެ ލިބޭ މަޢުލޫމާތު
އެކުދިންގެ ދިރިއުޅުމުގައި ބޭނުންކުރަން އެނގޭނެއެވެ. މުދައްރިސެއްގެ
ހައިސިއްޔަތުން އަބަދުވެސް ބޭނުންވަނީ ކިޔަވައިދޭ އެއްޗެއް ރަނގަޅަށް ދޭހަވެ، އެ
ލިބޭ މަޢުލޫމާތު ރަނގަޅަށް ބޭނުންކުރަން އެނގުމެވެ. އެހެނީ ކިޔަވައިދިނުމަކީ
އެކުދިން މާދަމައަށް ތައްޔާރު ކުރުމެވެ. ރަނގަޅު ދިވެހި ދަރިޔެއް އުފެއްދުމެވެ.
އެހެންކަމުން އުނގެނުމުގައި ދަސްވިއެއްޗެއް ޢަމަލީ ޙަޔާތުގައި ބޭނުންކުރަން
އެނގުމަކީ މުދައްރިސްގެ އެންމެ ބޮޑު އެއް އުއްމީދެވެ.
އަޅުގަނޑުމެންގެ މުޖުތަމަޢުތައް
އުފެދިފައިވަނީ ތަފާތު އެކި ގިންތީގެ މީހުން ހިމެނޭ ގޮތަށެވެ. ވަރަށް އާދައިގެ ނިކަމެތިންނާއި،
އާދައިގެ ދިރިއުޅުން އުޅެމުންދާ މީހުންގެ އިތުރުން ވަރަށް ބޮޑެތި މުއްސަދި
ފޯރާމީހުން ކޮންމެ މުޖުތަމަޢެއްގައި އުޅެމުން ދެއެވެ. މި އެންމެހައި ފަރާތްތަކަށް
ނިސްބަތްވާ ކުދިން ތަޢުލީމު އުނގެނި ދަސްކުރަން އަންނަ ތަނަކީ ސްކޫލް މަދަރުސާ
ތަކެވެ. އެހެންކަމުން މުދައްރިސުންނަކީ އެކުދިން ނިސްބަތްވާ ޢާއިލާޔަށް ނުވަތަ
ފުދުންތެރިކަމަށް ބަލައިގެން ވާނެބައެއް ނޫނެވެ. އަބަދުވެސް ވިސްނަންވާނީ ކޮންމެ
ކުއްޖަކީވެސް ވިސްނުންތޫރު ޤާބިލު ކުއްޖަކަށް ހެދުމަށެވެ. އެކުއްޖެއްގެ
ޤާބިލިއްޔަތުކަން ހުރި ދާއިރާތަކުން ކުރިއަރުވާ ހުނަރުވެރި ކުރުމަށެވެ.
މުދަރއްރިސުން ކުދިން ނިސްބަތްވާ ގިންތިތަކަށް ނުވިސްނައި އެކުދިންގެ ޤާބިލުކަމަށް
ވިސްނުން އަމާޒުކޮށް ކިޔަވައިދެމުން ދާނަމަ އަޅުގަނޑުމެން އުއްމީދުކުރާ ފަދަ
ހުނަރުވެރި ކުދިންތަކެއް އުފެދިގެން ދާނެއެވެ. އަދި ކުދިންނަށް އެކުދިންނަކީ
ހަމަހަމަ ބައެއްކަމުގެ އިޙުސާސްކުރެވި މުޖުތަމަޢުގެ ބައިވެރިޔެއްގެ ގޮތުގައި
މަސައްކަތް ކުރުމުގެ ހިތްވަރު ލިބިގެން ދާނެއެވެ.
ދިވެހިރާޖޭގެ ރައްތަކުގައި އަދިވެސް މަދުންނަމަވެސް
ކާބަފައިންގެ އިހުގެ ޤަބޫލުކުރުންތައް ހުންނަކަން ފާހަގަވެއެވެ. އެހެނީ އޭރުގަ
އަބަދުވެސް ޤަބޫލު ކުރެވެމުން އައީ ކަތީބުގެ ދަރިންނަކީ ކިޔަވައި މޮޅު މީހަކަށްވެ
އެ މަޤާމު އަދާކުރަންޖެހޭ އަދި އެމަޤާމު އަދާކުރާ މީހުނަށް ވުމެވެ. އެދުރުންގެ
ދަރިން އެދުރުންނަށް ވުމެވެ. މަސްވެރިންގެ ދަރިން މަސްވެރިންނަށް ވުމެވެ. އަދި
ދަނޑުވެރިންގެ ދަރިން ދަނޑުވެރިންނަށް ވުމެވެ. މިހެން ޤަބޫލުކުރުންތައް ހުރުމުން
މަސްވެރިއެއްގެ ދަރިޔެއް މުދައްރިސުކަން ކިޔަވައިގެން އައުމުންވެސް އެއީ އެފަދަ
ޢިލްމެއް އުނގެނިގެން ހުރި މީހެއްގެ ގޮތުގައި ބަލައިގަތުމަށް ބައެއް
މުޖުތަމަޢުތަކުގައި އަދިވެސް މައްސަލަތައް ހުރެއެވެ.
އެހެން ކަންތައް އޮތްނަމަވެސް އަދުގެ ތަޢުލީމީ ވެށީގައި އުނގަންނައިދީ
ދަސްކޮށްދޭންވާނީ އެއްވެސް ކުއްޖެއް ތަފާތުކުރުމެއް ނެތިއެވެ. ކުލަޔަކަށް
ޖިންސަކަށް ބެލުމެއް ނެތިއެވެ. ޒިންމާދާރު ދަރިންތަކެއް މުޖުތަމަޢަށް ނެރެދިނުމުގެ
ވިސްނުމުގައެވެ. އޭރުން ކޮންމެ ކުއްޖަކީވެސް މުޖުތަމަޢަށް ބޭނުން ފަރުދަކަށް
ވެގެން ދާނެއެވެ. (މެހަން، 2007
) ވިދާޅުވެފައިވަނީ، ސްކޫލް އަބަދުވެސް މަސައްކަތް ކުރަންވާނީ މުޖުތަމަޢުގެ
ބޭނުންތަކަށް އަމާޒުކޮށް ކުދިންނަށް ތަޢުލީމުދޭ ތަނަކަށެވެ. އުނގެނުމަށް
ދަށްކުދިން ލޭބަލް ވާގޮތަށް ވަކިކޮށްލުމުގެ ބަދަލުގައި، އުނގެނުމުގައި ތަފާތު
ކުރުމެއްނެތި، ދަށްކުދިންނަށް އެހީތެރިވެދީ، މަތީފެންވަރުގައި އުނގެނެމުންދާ
ކުދިންނާ އެއް މިންގަޑެއްގައި ކުދިން ބޭތިއްބުމަށް މަސައްކަތް ކުރާތަނަކަށެވެ.
އަޅުގަނޑުމެންގެ ކޮންމެ މީހަކީ
އެމީހެއްގެ ތަޢުލީމީ ޙަޔާތުގެ ދުވަސްތަކުގައި އެކި މަރުޙަލާތައް ކަޑަތު ކޮށްފައިވާ
މީހެކެވެ. ކުޑަކުއްޖެއްގެ ގޮތުގައި ދުވަސްތަކެއް ހޭދަކުރިއެވެ. ފުރާވަރުގެ
ކުއްޖެއްގެ ގޮތުގައި ދުވަސްތައް ހޭދަކުރިއެވެ. އަދި ޒުވާނެއްގެ ގޮތުގައިވެސް
ތަޢުލީމީ ޙަޔާތުގެ ދުވަސްތައް ހޭދަކުރިއެވެ. މި މަރުޙަލާތައް ކަޑަތުކޮށް ރަނގަޅު
ހަރުދަނާ ލީޑަރެއްގެ ގޮތުގައި ވެގެންދަނީ ކިޔަވައި ދެއްވުމުގައި މުދައްރިސް އާއި
ކުދިންނާ ދެމެދު އޮންނަ ގާތް ގުޅުންތެރިކަމާއި، ކުދިންނާ ދެމެދު މުއާމަލާތު ކުރެވޭ
ރަނގަޅު ގޮތްތަކެއްގެ ސަބަބުންނެވެ. "ކުދިންނަށް ކިޔަވައިދެއްވާ މުދައްރިސަކީ
ދަރިވަރުންނާމެދު އުއްމީދުކުރާ، އެކުދިންގެ ހުރި އާދަޔާޚިލާފު ހުނަރާއި ސިފަތަކަށް
ވިސްނުން ބަހައްޓައިގެން އުނގަންނައި ދެވެމުން ދާނަމަ ދަރިވަރުންގެ ތޫނުފިލިކަމާއި
ޤާބިލުކަން ފެނިގެން ދާނެ،" (އަބްދުލް ކަލާމް، 2014).
އުނގަންނައިދިނުމުގައި ވިސްނުން ތަރައްޤީ ކުރުމަށްހުރި ގޮންޖެހުންތައް
ދިވެހިރާއްޖޭގެ ސްކޫލްތަކުގައި
ކިޔަވައިދެމުން ގެންދާ މުދައްރިސުންނަށް ދަރިވަރުންގެ ވިސްނުން ތަރައްޤީ ކުރުމަށް
މަސައްކަތް ކުރަމުންދާއިރު ވަރަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވަމުން
ދެއެވެ. މި ގޮންޖެހުންތަކުގެ ސަބަބުން މުދައްރިސުން ކިޔަވައިދޭން ބޭނުންވާ މިންވަރަށް
އަދި ފެންވަރަށް ހުނަރު ތަރައްޤީކޮށް އުނގަންނައި ދިނުމުގެ ކަންތައްތައް
އިންތިޒާމުކޮށް ކުރިޔަށް ގެންދަން ވަރަށް ބޮޑަށް ދަތިވެއެވެ. އެހެނަސް އެކި ސްކޫލް
ތަކުގައި މިދެންނެވި ގޮންޖެހުންތައް ނުވަތަ މައްސަލަތައް، ދިމާވާ މިންވަރު ތަފާތު ވެދާނެއެވެ. އެހެނީ އެއީ، ކޮންމެ
ސްކޫލެއްވެސް ހުންނަނީ ތަފާތު މުޖުތަމަޢެއްގައި ކަމަށްވާތީ އެވެ. މިއިން ކޮންމެ
މުޖުތަމަޢެއްގެ އާދަކާދަޔާއި އުޞޫލުތައް ތަފާތުވާނެއެވެ. ޤުދުރަތީގޮތުންނާއި އިޖުތިމާޢީ
ގޮތުންނެވެ. އިޤްތިޞާދީގޮތުން އެ ސްކޫލެއް ނިސްބަތްވާ މުޖުތަމަޢަށް އަންނަ އެދެވޭ
އަދި ނޭދެވޭ ކޮންމެ ބަދަލެއްގެ އަސަރު ސްކޫލްތަކަށް ކުރަމުންދާނެ އެވެ.
ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީކުރުމަށް ކިޔަވައިދިނުމުގައި ހުރި ގޮންޖެހުންތައް
މުޖުތަމަޢުގެ އަފުރާދުންނަށާއި
ރަށްރަށުގެ ވެއްޓަށް އައިސްފައިވާ ބަދަލުތަކަކީ ކިޔަވާ ކުދިންގެ ސްލޫކަށް
އަސަރުކުރުވާ ކަމެކެވެ. ޤާނޫނާ ޤަވާޢިދުތަކަށް ކިޔަމަންތެރިނުވުމާއި، އަނެކުންތައް
އިޙުތިރާމު ނުކުރުން މިއަދު މިވަނީ މުޖުތަމަޢުގައި ޢާއްމުވެފައެވެ. މިކަމުގެ ސަބަބުން
މިއަދު ސްކޫލް މަދަރުސާތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ އުޅުމާއި، އަޚުލާޤަށް ވަރަށްބޮޑު
ނޭދެވޭ އަސަރުތަކެއް ވަނީ ކޮށްފައެވެ. މުދައްރިސުންނަށް އިޙުތިރާމް ނުކުރުމާއި،
ކިޔަމަންތެރި ވުމުގެ މާތް ސިފަތަށް ގިނަކުދިންގެ ފޭރާމުންވަނީ ވަކިވެފައެވެ.
އެހެންކަމުން ދަރިވަރުންގެ ވިސްނުން ތަރައްޤީ ކުރުވަނިވި އުނގަންނައިދިނުމެއް ގެންދިޔުމުގައި
ދަރިވަރުންގެ ސްލޫކަށް އައިސްފައިވާ ނޭދެވޭ ބަދަލު ވެގެން ގޮސްފައިވަނީ މުދައްރިސުން
ނަށް ދިމާވެފައިވާ ވަރަށްބޮޑު ގޮންޖެހުމެއް ކަމުގައެވެ. "ވައިގޮޓްސްކީގެ
ތިއަރީގައިވާ ގޮތުން މަޢުލޫމާތު ބިނާކުރެވެނީ އިޖުތިމާޢީ ތަފާތު ޙާލަތްތަކެއްގެ
ތެރެއިން އެކުއްޖެއްގެ ވިސްނުމާއި އުމުރާއި ގުޅޭފަދަ ގޮތެއްގައެވެ. ވިސްނުން
ބައްޓަންވަނީ ކުދިން އުޅޭ ޘަޤާފީ އިޖުތިމާޢީ މާހައުލުގެ އަސަރުންނެވެ"
(ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ).
ދަރިވަރުން އުނގެނުމަށް ދޭ ސަމާލުކަން
ކުޑަވުމުމަކީ މުދައްރިސުންނަށް ކިލާސްރޫމުގައި ދިމާވާ ގޮންޖެހުންތަކުގެ ތެރެއިން އެންމެބޮޑު
އެއް ގޮންޖެހުމެވެ. މުދައްރިސުން ތައްޔާރުވެގެންދާ ފިލާވަޅުތައް ގެންދަން ބޭނުންވާ
ފެންވަރަށް ކުދިން ކިޔަވަން ބަހައްޓާ ޝައުޤުވެރިކަން ދަށްވުމުގެ ސަބަބުން
އެކުދިންގެ ވިސްނުން ތަރައްޤީ ކުރުވުމަށް މުދައްރިސުންނަށް ވަނީ ވަރަށް ބޮޑު
ގޮންޖެހުމަކަށް ވެފައެވެ. އާދަމް ސަމީމު (2010) ހާމަކުރައްވާ ގޮތުގައި، ސްކޫލްތަކުން
ދަސްކުރުމުގެ ފުރިހަމަ މާޙައުލެއް އުފައްދައިދޭން ޖެހެއެވެ. ޙަރަކާތްތެރި
ކަމާއިއެކު ދަރިވަރުންގެ އަމިއްލަ ބޭނުންތައް ދެނެގަނެވޭ ފަދަ މާޙާއުލެއް
ބިނާކޮށްދޭންޖެހޭނީ ސްކޫލް މަދަރުސާތަކުންނެވެ. އޭރުން އެ ދަރިވަރުންނަށް ޙަޤީޤީ
ދުނިޔޭގެ މައްސަލަތަކާއިމެދުގައި ސަބަބު ކަނޑައަޅައި އަދި އެކުދިންނަށް ދަސްވާ
އެއްޗެއް ސްކޫލްގެ ހަތަރު ފާރުން ބޭރުގައިވާ އެކުދިންގެ ހަޔާތަށް ގެންދެވޭނެއެވެ.
ސްކޫލް މަދަރުސާތަކުގައި ކުދިންނަށް
ކިޔަވައިދިނުމަށް ބޭނުންކުރާނެ ފެސިލިޓީސް އާއި އިކްއިޕްމެންޓްސް (ވަޞީލަތްތައް)
އެކަށީގެންވާ މިންވަރާ ގާތަށްވެސް ނެތުމުގެ ސަބަބުން ދަރިވަރުންގެ ވިސްނުން
ތަރައްޤީ ކުރުވުމަށް މުދައްރިސުންނަށް ވަރަށް ބޮޑަށް ދަތިވެއެވެ. ކުޅިވަރުކުޅޭ ސާމާނު، ސައެންސްލެބް، ލައިބްރަރީ ފަދަ ވަޞީލަތްތަކަކީ
ދަރިވަރުންގެ ވިސްނުން ތަރައްޤީ ކުރުމަށް ވަރަށްގިނަގުނަ އެހީތެރިކަން ލިބިދޭ
ވަޞީލަތްތަކެވެ. "އުނގެނުމަކީ މާޙައުލުން ގެންދެވޭ މަޢުލޫމާތު ބަދަލުކޮށް
ސިކުނޑީގައި އެކަމާއި ގުޅޭގޮތުން އުފައްދާ އަސަރަކުން ސުލޫކު ވަކިގޮތަކަށް
ބަދަލުވުމެވެ." (ބަންދޫރާ،1986).
ޒަމާންތަރައްޤީވެ ކުދިން ބޭނުންކުރާ
ތަކެއްޗާއި ވަޞީލަތްތައް ޓެކްނޮލޮޖީ ވެގެން ދިޔައިރު ސްކޫލް މަދަރުސާތަކުގައި
އެފަދަ ވަޞީލަތްތައް ނެތުން ވެގެން ގޮސްފައިވަނީ އެކުދިންގެ ވިސްނުމާއި ހުނަރު
ތަރައްޤީ ކޮށްދިނުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަށެވެ. ދަރިވަރުން
ގޭގައި ލެޕްޓޮޕް، އައިޕްޑް، ފަދަ ވަޞީލަތްތައް ބޭނުންކޮށްގެން އިންޓަނެޓް
މެދުވެރިކޮށް ތަފާތު މަޢުލޫމާތުތައް ލިބި ހޭލުންތެރި ވެފައިވާއިރު، ގިނަ ސްކޫލް
މަދަރުސާ ތަކުގައި ބޭނުންކޮށްލާނެ މަލްޓިމީޑިޔާ ފަދަ އެއްވެސް ނެތެވެ.
އެހެންކަމުން ދަރިވަރުންގެ ސިކުނޑިތައް ވިސްނުން ތޫނުކުރުވުމަށް މުދައްރިސުން
އުނގަންނައި ދިނުމުގެ ތެރެއިން ކުރަންބޭނުންވާ ޓެކްނޮލޮޖީ އާއި ގުޅުންހުރި ކަންތައްތައް
ކުރުމަށްވަނީ ވަރަށްބޮޑަށް ދަތިވެފައެވެ.
ބެލެނިވެރިންނަކީ ދަރިވަރުންގެ އެންމެ
ފުރަތަމަ މަދަރުސާއެވެ. ކުދިންނަށް ރިވެތި އާދަތަކާއި ސުލޫކު، ނުރަނގަޅު ގޮތްތައް އުޅެން ބުނެދީ ދަސްކޮށްދިނުމުގައި
ބެލެނިވެރިންގެ ދައުރު ވަރަށް ބޮޑެވެ. އަދި ކުދިންލައްވާ ގޭގައި ހިންގާ ކިޔެވުމުގެ
އެންމެހައި ކަންކަމެއް ހިންގުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ ބެލެނިވެރިން ކަމަށް
ވީނަމަވެސް، ދަރިވަރުންނަށް ގޭގައި ކުރުމަށް ދެވޭ (ޕްރޮޖެކްޓް ވޯކް) ފަދަ
މަސައްކަތްތައް ކުރުމުގައި ބެލެނިވެރިންގެ ފުރިހަމަ އެހީތެރިކަން ފުރިހަމަޔަށް ނުލިބުމަކީ
ކުދިންގެ ވިސްނުން ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތަށް ކުރިމަތިވަމުންދާ
ގޮންޖެހުމެއް ކަމުގައި ފާހަގަވެއެވެ.
މަންހަޖަކީ ދަރިވަރުންނަށް
އުނގަންނައިދޭންވީ އެއްޗެއްގެ މަގުދައްކައިދޭ އަސާސެވެ. މީގައި ދަރިވަރުންނަށް
ލިބިދޭންޖެހޭ މަޢުލޫމާތާއި ހުނަރު އަދި ސިފަތައް ވަރަށް ރަނގަޅަށް ބަޔާން
ކޮށްފައިވެއެވެ. ނަމަވެސް އެ މަންހަޖުގައި ކަނޑައެޅިފައިވާ މިންވަރަށް ގަޑިނަގާ ނިންމަން
ސްކޫލްތަކުން އަޅާ ބާރުގެ ސަބަބުން ދަރިވަރުންނަށް ދަސްކޮށްދޭންޖެހޭ މިންވަރަށް
ގިނަ ހުނަރެއް ދަސްކޮށްނުދެވި ދެއެވެ. މީގެއިތުރުން ދަރިވަރުންނަށް
އުނގަންނައިދިނުމަށް ބޭނުންކުރަންޖެހޭ ތަފާތު އުކުޅުތައް ބޭނުންކުރަން އެކަށީގެންވާ
ވަގުތު ނުލިބޭކަން ފާހަގަވެއެވެ. ސްކޫލް ނިންމާ އަލުން އިތުރު ގަޑިތަކަށް
ދަރިވަރުންނަށް އައުންވަނީ އުނދަގޫ ކަމަކަށް ވެފައެވެ. ޓިއުޝަނަށާއި އިތުރު އެހެން
ކުލާސްތަކަށް ދާންޖެހުމުގެ ސަބަބުން ސްކޫލުން އެކުދިންނަށް އެހީވުމަށް ހިންގާ
އިތުރު ޙަރަކާތްތަކަށް އައުމަށް ހުރަސްތައް ހުރެއެވެ. އެހެންކަމުން މިއީ ދަރިވަރުންގެ
ވިސްނުން ތަރައްޤީ ކުރުމަށް މުދައްރިސުންނަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް
ކަމުގައި ބެލެވެއެވެ.
ދަރިވަރުންނަށް ދެވިފައިހުންނަ
ޓެކްސްޓް ފޮތްތަކަކީ ދަރިވަރުންނަށާއި މުދައްރިސުންނަށް އުނގަންނައިދިނުމުގަ
ބޭނުންކުރުމަށް އޮތް އެހީއެކެވެ. ފަހަރެއްގައިވެސް އެއީ ކަރިކިއުލަމެއް ނޫނެވެ.
އެހެނަސް މި ޓެކްސްޓް ފޮތްތައް ނިންމުމަށް ބެލެނިވެރިން ބޭނުންވުމަކީވެސް ކުދިންގެ
ވިސްނުން ތަރައްޤީ ކުރުމަށް މުދައްރިސުން ހިންގަން ބޭނުންވާ ޙަރަކާތަތައް ކުރިޔަށް
ގެނދިޔުމަށް ކުރިމަތިވެފައިވާ ވަރަށްބޮޑު ގޮންޖެހުމެކެވެ. މިކަމުގެ ސަބަބުން
މުދައްރިސުން ގެންދަންބޭނުންވާ ފެންވަރާ މިންވަރަށް ކުދިންގެ ވިސްނުން
ތަރައްޤީވާނެ ހަރަކާތްތައް ގެންދިޔުމަށް ވަގުތުގެ ދަތިކަމާއި ކުރިމަތިވެއެވެ.
ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީކުރުމަށް ކިޔަވައިދިނުމުގައި ހުރި ގޮންޖެހުންތައް ޙައްލުކުރަން ކުރެވިދާނެ ކަންތައްތައް
ދިވެހިރާއްޖޭގެ ކޮންމެ ސްކޫލެއްގައި
މަސައްކަތް ކުރަމުން ގެންދާ ކޮންމެ މުދައްރިސަކަށް ދިމާވެފައިވާ އެންމެ ބޮޑު
ގޮންޖެހުމަކީ ކިޔަވާ ކުދިންގެ އަޚުލާޤު ދަށްވުމުގެ މައްސަލައެވެ. މިކަމުގެ
ސަބަބުން މުދައްރިސުންނަށް ދިމާވަމުންދާ ގޮންޖެހުންތައް ޤައުމީ ފެންވަރުގަ އާއި
ސްކޫލް ފެންވަރުގައި ހައްލުކުރުމަށް ގިނަގުން މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް
އަޅުގަނޑު ދެކެމެވެ. ދަރިވަރުންގެ އުޅުމަށް އެންމެބޮޑު ހެޔޮ ނުފޫޒެއް ފޯރުކޮށްދެވޭނީ
އުނގެނުމާއި އުނގަންނައިދިނުމުގެ ތެރެއިންނެވެ. އެހެންކަމުން އުނގަންނައިދިނުމުގެ
ކަންތައް މައުނަވީ ގޮތެއްގައި ރާވާލައިގެން ހިންގުމަކީ ކޮންމެހެން
ކުރަންޖެހިފައިވާ ކަމެކެވެ. ސްކޫލްތަކުގައި އުނގަންނައި ދިނުން ދަރިވަރުން
ގަޔާވާގޮތަށް މުދައްރިސުން އިންތިޒާމު ކުރުމަކީ ކުދިންގެ އަޚުލާޤަށް ހެޔޮ އަސަރު
ކުރުވާނެ ކަމެކެވެ. ޚާއްޞަ ގޮތެއްގައި އެކްޓިވް ލާރނިން އަށް ބޭސްކޮށްގެން
ފިލާވަޅުތަކަށް މުދައްރިސުން ތައްޔާރުވުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު
ކަމެކެވެ. "ދަރިވަރުން އެއްޗެހި އުނގެނެނީ އެކިކުދިން އެކިގޮތަށް
ކަމަށްވެފައި، އަދި އެކި މިންވަރަށް ވުމާއެކު ތަފާތު ގޮތްތައް ބޭނުންކުރުމަކީ
ގިނަކުދިންނަށް އުނގެނުމަށް އެހީވެދޭނެ ކަމެކެވެ." (ޝާރުދާ ސަޢީދު، 2014). ހަމައެއާއެކު ލައިފްސްކިލް
ފަދަ މާއްދާ ސްކޫލްތަކުގައި ތައާރަފުކޮށް ދަރިވަރުންނަށް ފައިދާހުރި ގޮތެއްގައި ލައިފްސްކީލް
ގަޑިތައް ނެގެމުންދާނަމަ ކުދިންގެ އަޚުލާޤަށް ރަނގަޅު ބަދަލުތައް އަންނާނެ ކަމަށް
އަޅުގަނޑު ދެކެމެވެ.
ދަރިވަރުންގެ އަޤީދާ އާއި
އީމާންތެރިކަން އިތުރުކުރުވަނި ޕްރޮގްރާމްތައް، ދީނީ ދަރުސް ދިނުމާއި، ﷲ ވާޖިބު
ކުރައްވާފައިވާ ފަރުޟު ނަމާދުތައް ކުރުވައި އާދަކުރުވުމަކީ ކުދިންގެ އަޚުލާޤަށް
ވަރަށްބޮޑު ހެޔޮ ރަނގަޅު އަސަރު ކުރާނެ ކަމެކެވެ. މީގެއިތުރުން ދަރިވަރުންގެ
އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލަމުން ގެންދަވާ ދަރިވަރުންގެ
ބެލެނިވެރިން ދަރިވަރުން ގެންގުޅެ ތަރުބިއްޔަތު ކުރުމުގައި، ފަރުވާތެރި ވުމާއިއެކު
ދަރިން ވީހާވެސް ގާތުން ބަލައި ގިނަގިނައިން ނަޞޭހަތް ދެއްވާ ހެދުމަކީ ކުދިންގެ
އަޚުލާޤު ރަނގަޅުވެ ކިލާސްތަކުގައި ދަރިވަރުންގެ ފަރާތުން ދިމާވާ އަޚުލާޤީ
މައްސަލަތައް ހައްލުވެގެން ދާނެކަމެކެވެ.
ސްކޫލް މަދަރުސާ ތަކުގައި ކިޔަވަނުން
ގެންދާ ކުދިންގެ ތެރެއިން ކިނަ ޢަދަދެއްގެ ކުދިން ކިޔެވުމަށް ޝައުޤުވެރިވާ
މިންވަރު ދަށްވުމަކީ މިއަދު މުދައްރިސުންނަށް ދިމާވެފައިވާ ގޮންޖެހުން ތަކުގެ
ތެރޭގައި ހިމެނޭ ކަމެކެވެ. ޚާއްޞަ ގޮތެއްގައި ސެކަންޑްރީ ގްރޭޑް ތަކުގައި
ކިޔަވަމުންދާ ދަރިވަރުންގެ ކިބައިން މިކަން ފެންނަ މިންވަރު އިތުރުކަން
ފާހަގަވެއެވެ. ސުސަން ވާނަރ، (2014) ހާމަކުރައްވާ ގޮތުގައި، ދަރިވަރުން
އުނގެނުމަށް ޝައުޤުވެރިކުރުމަށްޓަކައި ކުލާހުގައިތިބި ހުރިހާ ދަރިވަރުންގެ
އުނގެނުމުގެ ސްޓައިލް އަށް އަމާޒުކޮށްގެން އުނގަންނައިދިނުން ވަރަށް މުހިންމެވެ. އެހެންކަމުން
މި ގޮންޖެހުން ޙައްލުކުރުމުގައި މުދައްރިސުން ގެ ކިޔަވައިދިނުމަށް އިންތިޒާމުކުރުމުގައި
ދަރިވަރުން ބޮޑަށް ބައިވެރި ކުރުވައިގެން އުނގަންނައި ދިނުމަށް ފިލާވަޅުތައް
ރާވަން ޖެހެއެވެ. ދަރިވަރުންގެ އުނގެނުމުގެ ސްޓައިލްއަށް ވިސްނައިގެން ފިލާވަޅު
ޕްލޭންކުރަންޖެހެއެވެ. ދަރިވަރުން ޝާމިލްވާ ކިޔަވައިދިނުމަށް މަގުފަހިވާ ޓީޗިންގ
ސްޓެރެޓަޖީ ތައް ބޭނުންކޮށްގެން ދަރިވަރުންގެ ވިސްނުމާއި ފިކުރު ތަނަވަސް
ދާއިރާއެއްގައި ބޭނުންކޮށް ހެދުމުގެ ފުރުޞަތު ދޭންޖެހެއެވެ. ދެންނެވިދިޔަ
ކަންތައްތަކަށް އިސްކަންދީގެން ކިޔަވައިދިނުން ފިލާވަޅުތައް ރާވާ، އިންތިޒާމު
ކުރަމުން ދާނަމަ ދަރިވަރުން،
އުނގެނުމަށް ދޭ ސަމާލުކަން އިތުރުވެ ޝައުޤުވެރިކަން އިތުރު ވެގެން ދާނެއެވެ.
މީގެއިތުރުން ދަރިވަރުންނަށް
އުނގަންނައިދޭ އެއްޗަކީ މައުނަވީ އެއްޗަކަށް ހަދަންޖެހެއެވެ. ދަރިވަރުންނަށް
ތަފާތުކަންކަމާ މެދު ވިސްނާ ބަހުސްކުރުމުގެ ފުރުޞަތު ދޭންޖެހެއެވެ. އެލާ ލޫސިއާ
މެންޒެސް، އޮލިވެލިއާ ޕެއިވާ، (2000) ހާމަކޮށްފައިވާ ގޮތުގައި، މައުނަވީ
ގޮތެއްގައި އުނގަންނައިދެވެމުން ދާނަމަ ދަރިވަރުންގެ ދިރިއުޅުމާ ގުޅުވާލައިގެން
އުނގެނުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެން ދެއެވެ. އެހެންވެ، މަޝްވަރާ
ކުރުމާއި، ޚިޔާލު ބަދަލު ކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ތަނަވަސްކޮށްދޭން
ޖެހެއެވެ. ހަމައެއާއެކު ޚިޔާލު ތަފާތުވިއެއް ކަމަކު އަޣުލަބިއްޔަތަށް ތަބާވުންފަދަ
ސިފަ އަށަގަންނާނެ ފަދަ ޙަރަކާތްތައް ހިންގުން އިތުރު ކުރަންޖެހެއެވެ. ޚާއްޞަ
ގޮތެއްގައި އުނގަންނައިދޭ ފިލާވަޅުތައް މައުނަވީ ގޮތެއްގައި ކުދިންގެ ދިރިއުޅުމާ
ގުޅުވާލައިގެން ކިޔަވައިދިނުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. އޭރުން މިފަދަ
ކުދިންނަކީ އަނެކުން ޤަބޫލުކުރާ މުޖުތަމަޢުގެ ތާއީދާއި ލޯބި ލިބިފައިވާ ބަޔަކަށް
ވާނެއެވެ. އަދި ބަވަނަވަންތަ ދުނިޔެއެއްގައި ބައިވެރިޔެއްގެ ގޮތުން އުޅުމަށް
ބޭނުންވާ ޢިލްމާ މަޢުލޫމާތު އަދި ހުނަރާއި ސިފަ ލިބިގެންވާ ސިފަވަންތަ ދިވެހި
ދަރިޔަކަށް ވެގެންދާނެއެވެ.
ދަރިވަރުންގެ ވިސްނުމާއި ހުނަރު
ތަރައްޤީ ކުރުމަށް އަދުގެ މަދުރަސީ ތަޢުލީމީ ނިޒާމުގެ ތެރޭގައި އެކަށީގެންވާ
ޒަމާނީ ވަޞީލަތަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ޚާއްޞަ ގޮތެއްގައި
ދަރިވަރުން ކިޔަވަމުން ގެންދާ މާއްދާތަކުން ހަދަންޖެހޭ އެކްސްޕެރިމަންޓް ތައް
ހަދާލާނެފަދަ ވަޞީލަތްތައް (ސައެންސް ލެބް، އިކްއިޕްމެންޓްސް، އިންޓަނެޓް،
ކުޅިވަރު ކުޅޭ ސާމާނު) ފަދަ ތަކެއްޗަކީ ކުދިންގެ ވިސްނުން ތަރައްޤީކޮށް
ކުރިއެރުވުމުގައި ވަރަށްބޮޑު ދައުރެއް އަދާކުރަމުން ގެންދާ ވަޞީލަތްތަކަށް ވީހިދު،
މިކަމަށް ޙައްލު ހޯދުމުގައި ބެލެނިވެރިންގެ ބައިވެރިވުން އިތުރުކޮށްގެން ފަންޑްރައިސް
ކުރުމާއެކު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެހީތެރިކަން ހޯދަން މަސައްކަތް
ކުރުމަކީ މިކަމަށް އެކަށީގެންވާ ޙައްލު ލިބިދާނެ ކަމެކެވެ. އަދި ހަމައެއާއެކު
ދެންނެވިދިޔަ ވަޞީލަތްތައް ލިބެން ނެތް ކަމުގައިވިޔަސް ސްކޫލް ނިސްބަތްވާ
މުޖުތަމަޢުގައި ލިބެންހުރި އެކަށީގެންވާ ވަޞީލަތްތައް ބޭނުންކޮށްގެންވެސް
ދަރިވަރުންނަށް ފިލާވަޅާ ގުޅޭ އެކްސްޕެރިމަންޓްތައް ހެދުމުގެ ފުރުޞަތު
ޓީޗަރުންނަށް ތަނަވަސް ކޮށްދެވިދާނެއެވެ.
ބޮންޑްލެސް އެޑިޔުކޭޝަން ސައިޓް، (2007) ގައި ހާމަކޮށްފައިވަނީ، ކިލާސްރޫމް
އުނގަންނައިދިނުމުގައި ޓެކްނޮލޮޖީ އަކީ އިންޓަރެކްޓިވް ޓީޗިންގއަކަށް ބޭނުންކުރެވޭ
އެންމެ މުހިންމު އެއް ވަސީލަތެވެ. އަދުގެ ދުނިޔެއަށް އައިސްފައިވާ ޓެކްނޮލޮޖީގެ
ކުރިއެރުމުގެ އަސަރު އަޅުގަނޑުމެންގެ މިދިވެހި ރާއްޖެއަށް މިވަނީ ވަރަށް ބޮޑަށް
ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންނަކީ އަމިއްލަ ދިރިއުޅުމުގައި
ޓެކްނޮލޮޖީ އާއި ވަރަށް ރައްޓެހި ބަޔަކަށް ވަނީވެފައެވެ. މި ރައްޓެހިކަން ސްކޫލް
މަދަރުސާ ކުދިންނަށްވެސް ވަނީ އައިސްފައެވެ. ދަރިވަރުންގެ ގޭގޭގައި އިންޓަނެޓްގެ
ވަޞީލަތްތައް ލިބެންހުރުމާއި، ސްމާރޓް މޮޑެލްގެ ވަޞީލަތްތައް ދަރިވަރުން ގޭގައި
ބޭނުން ކުރަމުން ދެއެވެ. އެހެންކަމުން ސްކޫލް ތަކަކީ ޒަމާނީ ޓެކްނޮލޮޖީ
ޤާއިމުކޮށްފައިވާ ޑިޖިޓަލައިޒު ކޮށްފައިވާ ސްކޫލަކަށް ހެދުން މިވަނީ ވަރަށް މުހިންމު
ކަމަކަށް ވެފައެވެ. ވީމާ ބެލެނިވެރިންނާއި، ސްކޫލް ގުޅިގެން އަދި ރަށުގެ
ކައުންސިލާއި، ވިޔަފާރިވެރިންގެ އެހީތެރިކަމާއެކު ސްކޫލް ކިލާސްރޫމްތައް ޑިޖިޓަލް
ކްލާސް ރޫމްތަކަކަށް ހެދި ދާނެއެވެ. އެހެނީ ދިވެހިންނަކީ އަބަދުވެސް ތަޢުލީމަށް
ލޯބިކުރާ އަދި ތަޢުލީމަށް ހޭދަކުރުމަށް ފަސްޖެހޭ ބައެއް ނޫނެވެ.
ދަރިވަރުންގެ ވިސްނުން ތަރައްޤީކޮށް
ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި ބެލެނިވެރިންގެ ދައުރަކީ ވަރަށް
މުހިންމު ދައުރެކެވެ. "ރިސާރޗްތަކުން ދައްކާގޮތުގައި ޅަފަތުގެ ތަޢުލީމުން
ފެށިގެން ފުރާވަރުގެ ތަޢުލީމަށް ދާންދެން ދަރިވަރުންގެ ތަޢުލީމީ ޙަޔާތުގައި
ރަނގަޅު ކާމިޔާބީ ޙާޞިލުކުރާ މިންވަރު، ބެލެނިވެރިންގެ ބައިވެރިވުން ލިބުނު
މިންވަރަކުން އިތުރުވަމުން ދެއެވެ." (އިވެންތިއާ އެން، ޕެޓްރިކަކޯއު 2008). އެހެންކަމުން ބެލެނިވެރިންގެ
ދައުރު ރަނގަޅަށް އޮޅުންފިލުވައިދީ ހޭލުންތެރި ކުރެވިދާނެއެވެ. އަދި
ބެލެނިވެރިންގެ ދައުރާ ބެލެނިވެރިންގެ މަސްއޫލިއްޔަތު ބުނެދީ ޒިންމާދާރު ކުރުމަކީ
މިކަމަށް ލިބިގެންދާނެ ހައްލެކެވެ. ބެލެނިވެރިންގެ ބެލެނިވެރިކަމުގެ ހުނަރު
ތަރައްޤީ ކުރުމަށް ޕްރޮގްރާމްތައް ހިންގައި ގިނަގިނައިން މަޢުލޫމާތު ދީ ހެދުމުން
ބެލެނިވެރިންގެ ދައުރު އިތުރު ވެގެން ދާނެއެވެ.
މަންހަޖު ނިންމުމަށް ސްކޫލުން އަޅާ
ބާރުގެ އިތުރުން ނަތީޖާ ނެރުމަށް ބާރުއަޅާ މިންވަރު އިތުރު ވުމަކީ ދަރިވަރުންގެ
ވިސްނުން ތަރައްޤީ ކުރުމަށް އޮތް ވަރަށްބޮޑު ގޮންޖެހުމެކެވެ. ނަމަވެސް
ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް ހިންގާ ގިނަ ޙަރަކާތްތައް ކުދިންގެ ވިސްނުން
ތަރައްޤީ ވާފަދަ ގޮތްތަކަށް ވިސްނުން ބަހައްޓައިގެން އިންތިޒާމު ކޮށް ހިންގަން
ފަށައިފިނަމަ ދަރިވަރުންގެ ނަތީޖާ ރަނގަޅު ވުމުގެ އިތުރުން ވިސްނުން ތަރައްޤީ
ވުމުގެ ފުރުޞަތު ތަނަވަސް ވެގެން ދާނެއެވެ.
ބެލެނިވެރިންނަށް ޤަބޫލުކުރެވޭ
ގޮތުގައި ކޮންމެ އެކަޑަމިކް އަހަރެއް ނިމޭއިރު ދަރިވަރުން ކިޔަވަން ބޭނުންކުރާ
ހުރިހާ ޓެކްސްޓް ފޮތެއް ހުންނަންވާނީ ދަރިވަރުން މަސައްކަތްކޮށް ނިންމާފައެވެ.
އެހެނަސް މިއީ ކުށްހީއެކެވެ. ދަރިވަރުންނަށް އުނގަންނައިދެނީ އެކުދިންގެ
ކަރިކިއުލަމްގައި ކަނޑައެޅިފައިވާ ބައިތަކަކާއި، މިންވަރެކެވެ. އިވެންތިއާ އެން،
ޕެޓްރިކަކޯއު، (2008) ހާމަކުރައްވާފައިވަނީ، ބެލެނިވެރިންނާއި،
މުދައްރިސުންނާ ދެމެދު ދަރިވަރުންގެ އުނގެނުމާއި އަދި އުނގެނޭ އެއްޗެއް
(ކަރިކިއުލަމް) އާއި ގުޅޭގޮތުން މަޢުލޫމާތު ދެވޭ މިންވަރަކުން ބެލެނިވެރިންގެ
ހޭލުންތެރިކަން އިތުރުވެގެން ދާނެއެވެ. އެހެންކަމުން ބެލެނިވެރިން ދަރިވަރުންގެ
މުޤައްރުތަކުގައިވާ ބައިތަކަށް އަހުލުވެރިކޮށް ހޭލުންތެރި ކުރުމަކީ ބެލެނިވެރިންގެ
ފަރާތުން މުދައްރިސުންނަށް އަންނަ ޕްރެޝަރ ކުޑަކުރެވޭނެ ކަމެކެވެ.
Subscribe to:
Posts (Atom)