Thursday, March 5, 2015

ދަރިވަރުންގެ އުނގެނުމަށް އަސަރު ފޯރުވާގޮތް



(ހ) މުދައްރިސްގެ ތައްޔާރުވުމާއި އިންތިޒާމްކަން

ދަރިވަރުންގެ އުނގެނުމުގެ ބިންގާ އަޅައިދޭ ތަނަކީ ސްކޫލް މަދަރުސާ ތަކެވެ. އެ ދަރިވަރުންގެ ސިކުނޑިތައް ހާނާ ތަރުބިއްޔަތުކޮށް ކަންތައްތައް ދަސްކޮށްދީ ހަދަނީ އެ ދަރިވަރުންގެ ދެވަނަ މައިންބަފައިން ކަމުގައިވާ މުދައްރިސުންނެވެ. އެހެންކަމުން މުދައްރިސުންނަކީ ވަރަށް ގިނަ ޒިންމާތަކެއް ބޮލުގައި އެޅިފައިވާ ބައެކެވެ. ވަރަށްބޮޑު މަސްއޫލިއްޔަތެއް އުފުލަން ޖެހިފައިވާ ބައެކެވެ. އެގޮތުންވެސް މުދައްރިސްގެ ކޮނޑުގައި އެޅިފައިވާ އެންމެބޮޑު އެއް މަސްއޫލިއްޔަތަކީ އުނގަންނައި ދިނުމެވެ. "ޕްލޭންކޮށް ތައްޔާރުވުން އޮންނަންވާނީ ވަރަށް 'ފްލެކްސިބަލް' ކޮށެވެ. ކްލާހުގެ ކޮންމެ މިނިޓެއް ފުރާލާ، ހުރިހާ ކަމެއް މާ ބޮޑަށް ޕްލޭން ކުރާ ޓީޗަރުންގެ ދަރިވަރުންނަށްވުރެ 'ފްލެކްސިބަލް' ޓީޗަރުންގެ ދަރިވަރުން ގެ ދަސްކުރުން ރަނގަޅުކަމަށް ފާހަގަ ކުރެވެއެވެ" (ޝެވެލްސަން، 1987).
ކޮންމެއަކަސް ކަމެއް ކުރުމުގެ ކުރިން އެކަމެއް ކުރިޔަށް ގެންދާނެގޮތް ރަނގަޅަށް ރާވާލުމަކީ އެކަމެއް ކާމިޔާބުކަމާއެކު ކޮށް ނިންމާލުމަށް ބޭނުންވާ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މުދައްރިސުންނަކީ މިމަސައްކަތް އެންމެރަނގަޅަށް އެންމެ ފުރިހަމަ ކަމާއެކު ކުރަންޖެހޭނެ އެއްބަޔެކެވެ. އެހެނީ މުދައްރިސް ކިޔަވައި ދެއްވުމަށް ބޭނުންވާ ފިލާވަޅު ކުރިޔަށް ގެންދާނެ ގޮތް ދުރާލާ ރާވާ އިންތިޒާމު ކުރުމަކީ އެ ފިލާވަޅު ކާމިޔާބުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ކުލާހުގައިތިބޭ ކުދިންގެ އަދަދުން ފެށިގެން ކިލާހުގައި ތިބި ވަކިވަކި ކުދިންގެ ފެންވަރާ، ވިސްނުމުގެ ޤާބިލުކަން ހުންނަ މިންވަރާ، އުނގެނުމުގެ ތަފާތުކަން ހުންނަ ދަރިވަރުން ކުރާނެ ކަންތައްތަކަށް ދާންދެން ކުރުވާނެ ކަންތައް އިންތިޒާމުކޮށް ތައްޔާރުވާން ޖެހޭނެއެވެ. ދަރިވަރުންގެ ބޭނުމާ އަދި އެ ދަރިވަރުންގެ ޝައުޤުވެރިކަމަށް ވިސްނަން ޖެހޭނެއެވެ. ދަރިވަރުން އުނގެނި ދަސްކުރުމުގެ އުޞޫލުތަކާމެދު ސަމާލުވުމުގެ އިތުރުން އައުކަންތައްތައް ދަރިވަރުންނަށް ތައާފުކުރާނެ ގޮތްގޮތާ މެދުވެސް ވިސްނާ ދުރާލާ ތައްޔާރުވެ އިންތިޒާމު ކުރުމަކީ އުނގަންނައިދޭ ކޮންމެ މުދައްރިސަކުވެސް ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
މުދައްރިސުންނަކީ އަބަދުވެސް އުނގަންނައި ދިނުމަށްޓަކައި ދުރާލާ ތައްޔާރުވާ ބަޔެކެވެ. ކަރިކިއުލަމްގެ މައްޗަށް ބިނާކޮށް ހެދިފައިވާ ސްކީމްތަކުގައިވާ ފިލާވަޅުތައް ދަރިވަރުންނަށް ކިޔަވައި ދިނުމަށްޓަކައި މުދައްރިސުން ޕްލޭނެއް ހަދާ ތައްޔާރު ކުރަން ވާނެއެވެ. މިއީ ވަކި ހަމަތަކަކާއި އުޞޫލުތަކެއްގެ މަތިން ދަރިވަރުންގެ އެއްބާރުލުން ލިބޭފަދަ ގޮތަކަށް ތައްޔާރު ކުރެވޭ އެއްޗެކެވެ. އަދި މި ޕްލޭން ވާންވާނީ ކަމެއް ގޯސްކޮށް ދާނަމަ އެކަމެއް ރަނގަޅުކޮށް، ކުދިން ކޮންޓްރޯލު ކުރުވުމަށް މުދައްރިސަށް އެހީވެދޭ އެއްޗަކަށެވެ. މިއީ ކުދިންގެ ޝައުޤުވެރިކަމާއި، ގެންދާނެ އެކްޓިވިޓީތައް ބަޔާންކޮށް ދަރިވަރުންގެ ޝައުޤު ދެމެހެއްޓެނިވި ގޮތަކަށް އަތުރާލެވިފައިވާ އެއްޗެކެވެ. އަދި މިގެންދާނީ ފިލާވަޅު ކާމިޔާބު ފިލާވަޅަކަށް ހެދުމަށް ފެށުނީއްސުރެ ނިމެންދެން މުދައްރިސް ކުލާހުގައި ކުރާނެ ކަންތައްތައް ރަމްޒުކޮށްދޭ މަގު ޗާޓެވެ.
ޑޮކްޓަރ މެޑަލިން ހަންޓަރ، (2003) ގެ ދިރާސާއަކުން ފާހަގަވެފައި ވަނީ، މޮޅު ކާމިޔާބު ޓީޗަރެއްގެ ފިލާވަޅު ތައްޔާރު ކުރުމުގައި މައިގަނޑު އަށް ކަމަކަށް ސަމާލުކަންދީ އެކަންތައްތައް ފިލާވަޅުގައި ހިމަނަން ވާނެކަމަށެވެ. އޭގެތެރޭގައި، ފިލާވަޅުގެ ފެށުމުގައި، ކުރީދުވަހު ނަގާދެވުނު ފިލާވަޅާ ނަގާދޭން އުޅޭ ފިލާވަޅާ ގުޅުވައިދޭ ޝައުޤުވެރި ކުރު އެކްޓިވިޓީ އެއް ހިމަނަންވާނެއެވެ. ނަގައިދޭންއުޅޭ ފިލާވަޅުގެ މުހިންމުކަމާއި ބޭނުންތެރިކަން ބުނެދިނުމާއެކު، ފިލާވަޅު ނިމޭއިރު ދަރިވަރުންނަށް ޙާޞިލުވާން ޖެހޭމިންވަރާއި، އެ މިންވަރު ޙާޞިލުކުރުމަށް ދަރިވަރުން ކުރަންވީ ކަންތައްތައް އޮޅުންފިލުވައިދޭން ވާނެއެވެ. މީގެއިތުރުން ފިލާވަޅުގެ ތެރެއިން ދަރިވަރުންނަށް ދަސްވެގެން ދާނެ އާކޮންސެޕްޓްތަކާއި، އާ ބަސްކޮށާރާއި ހުނަރު ދަރިވަރުންނަށް ސާފުވެފައި އޮތުމުގެ އިތުރުން، ފިލާވަޅު ނިމޭއިރު އޮންނާނެ ގޮތް ކުރެހުމަކުން ނުވަތަ މައިންޑް މެޕަކުން ބަޔާންކުރަން ވާނެއެވެ. އަދި ދަރިވަރުން ދަސްކުރާ ހުނަރުތައް ދަސްކުރަމުންދާ ހަރުފަތްތައް މުދައްރިސް ލީޑްކުރާ ގޮތަށް ފިލާވަޅުގެ ތެރޭގައި ފަރުމާ ކުރަންވާނެއެވެ. އަދި ފިލާފަޅު ފަރުމާކުރުމުގައި އަބަދުވެސް ދަރިވަރުންނަށް އޮޅުންފިލާ މިންވަރު ބެލޭނެހެން ރޭވުމާއި، ފިލާވަޅުގެ ތެރޭގައި ދަރިވަރުންނަށް އަމިއްލަ ތަޖުރިބާ ކުރުމުގެ ފުރުޞަތު ލިބޭނެހެން ފަރުމާ ކުރަންވާނެއެވެ. ހަމައެއާއެކު، ކުދިން އުނގެނުނު އެއްޗެއް ރަނގަޅަށް ހަނދާންހުންނާނެ ރަނގަޅު ނިންމުމެއް ގެނައުން އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
މިގޮތުގެމަތިން ކިޔަވައިދިނުމަށް ތައްޔާރުވެ ކިޔަވައިދިނުމަށް ބޭނުންކުރާ ފުރިހަމަ އެހީ އާއެކު މުދައްރިސުން ކިލާސްތަކަށް ވަޑައިގެން ކިޔަވައި ދެއްވުމަކީ ދަރިވަރުން އުނގެނުމަށް ޝައުޤުވެރި ވާނެކަމެކެވެ. މިކަމުގެ ސަބަބުން ޙާޞިލުވާ މިންވަރު އިތުރުވެ އެ ދަސްކުރާ މަޢުލޫމަތާއި ހުނަރު ދިރިއުޅުމުގައި ދަރިވަރުންނަށް ބޭނުންކުރުމަށް ހިތްވަރު ލިބިގެންދާނެއެވެ.
މިހެން މިކަން ނުވެއްޖެނަމަ ދަރިވަރުން އުނގެނުންމަތިން ފޫހި ވެގެން ހިނގައިދާނެއެވެ. ދަރިވަރުންނަށް ޙާޞިލުކޮށްދޭން ބޭނުންވާ މަޢުލޫމާތާއި ހުނަރު ލިބިގެނެއް ނުދާނެއެވެ. މީގެއިތުރުން ކުލާހުގައި ތިބޭ އެކިފެންވަރުގެ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުންތެރިކަން ނުލިބި އެކުދިންގެ ތަޢުލީމީ ޙަޔާތް މުޅިން ބަނަވެގެން ހިގައިދާނެއެވެ. އެހެންކަމުން ކޮންމެ މުދައްރިސަކުވެސް ކިޔަވައިދެއްވުމަށް ކުލާހަށް ވަޑައިގަތުމުގެ ކުރިން ރަނގަޅަށް ތައްޔާރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.

(ށ) ކުލާހުގައި ދަރިވަރުންނާއި ކުރެވޭ މުޢާމަލާތު:

ކިޔަވައިދެއްވާ މުދައްރިސެއްގެ އެންމެ މުހިންމު އަދި އެންމެ ބޭނުންތެރި އެއްބަޔަކީ ދަރިވަރުންނަށް މަޢުލޫމާތު ދިނުމާއި މަޢުލޫމާތު ފޯރު ކޮށްދިނުމެވެ. މި ހުނަރުގެ ސަބަބުން ދަރިވަރުންނަށް އުނގަންނައިދޭން ބޭނުންވާ އެއްޗެއް އުނގަންނައިދޭން ފަސޭހަވެގެން ދެއެވެ. އެހެންކަމުން މުދައްރިސާ ދަރިވަރާ ދެމެދު ރަނގަޅު މުއާމަލާތު ކުރެވޭ ބަދަހި ގުޅުމެއް އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެނީ ރަނގަޅު އުނގެނުމުގެ ވެއްޓެއް ޤާއިމު ކުރެވޭނީ ރަނގަޅަށް މުޢާމަލާތު ކުރެވޭ ގާތްކަމެއް އުފެއްދިގެންނެވެ. ރަނގަޅަށް މުޢާމަލާތު ކުރުމުގެ މާޙައުލެއް ޤާއިމު ނުކުރެވިއްޖެނަމަ ދަރިވަރުންގެ އެއްވެސް ޚިޔާލެއް، އަދި ބައިވެރިވުމެއް ނުލިބޭނެއެވެ. މީގެއިތުރުން ދަރިވަރުންނާ މުދައްރިސުންގެ މެދުގައި ފުށުއަރަނިވި ކަންތައްތައް (މިސްއަންޑަސްޓޭންޑިން) ދިމާވާނެއެވެ. މިއީ ވަރަށްބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ. ސަބަބަކީ މުދައްރިސުން ދަރިވަރުންނަށް އުނގަންނައިދޭ އެއްޗެއް ރަނގަޅަށް ކުދިންނަށް އޮޅުން ނުފިލުމާއި، އަދި ކުދިންނަށް އޮޅުންފިލި ނުވަތަ އޮޅުން ފިލުވަދޭންވީ މިންވަރުވެސް މުދައްރިސަށް ސާފު ނުވާނެތީއެވެ. އެހެންކަމުން ކުދިންނާއިއެކު ރަނގަޅު މުޢާމަލާތު ކުރެވޭ މާޙައުލެއް އުފެއްދުމަކީ ވަރަށް މުހިންމު ކަމެކެވެ.
ދަރިވަރުންނާ ކުލާހުގައި މުދައްރިސުން މުޢާމަލާތު ކުރާ ގޮތަކީ އެކުދިންގެ އުނގެނުމަށް އަސަރު ކުރުވާ ކަމެކެވެ. މުދައްރިސުންނަކީ ދަރިވަރުންނަށް ވަރަށް އޯގާވެރި ކަމާއެކު ވާހަކަދައްކައި، ކިޔެވުމުގައި ހިތްވަރުދީ އެކުވެރި ގާތް ގުޅުމެއް ބާވާ ބައެއްނަމަ ދަރިވަރުން އަމިއްލަ ނަފުސަށް އިތުބާރުކުރާ މިންވަރު އިތުރު ވެގެން ދާނެއެވެ. ކަންކަމުގައި އިސްނަގައި ހަރަކާތްތެރި ވުމަށް ހިތްވަރު ލިބިގެން ދެއެވެ. ޝައުޤުވެރިކަމާއެކު ބައިވެރިވާ ހުނަރުވެރި ބަޔަކަށް ވުމުގެ ފުރުޞަތު ބޮޑުވެގެން ދާނެކަމަށް ދެކެމެވެ. ޖޯންސަން ޑީ.ޑަބްލިޔު އަދި ޖޯންސަން އާރު (1994) ހާމަކުރައްވާ ގޮތުގައި، ދަރިވަރުންގެ މެދުގައި އޮންނަ ގުޅުންތެރިކަން ރަނގަޅު ކުރުމަށްޓަކައި، މުދައްރިސުން ވަކިވަކި ދަރިވަރުންގެ މަސައްކަތްތައް ބަލައި ފީޑްބެކްދީ، އިރުޝާދު ދިނުމާއެކު ހިތްވަރުދީ، ތަރުހީބު ދިނުމުން ދަރިވަރުންގެ ބައިވެރިވުން އިތުރުވެ ހުނަރުވެރި ބަޔަކަށް ވުމުގެ ފުރުޞަތު އިތުރުވެގެން ދެއެވެ.
ކުލާހުގައި މުދައްރިސު މުޢާމަލަތު ކުރަންވާނީ ދަރިވަރުންނަށް ވަރަށް ލޯތްބާއި އިޙުތިރާމާއި، ހިތްހެޔޮ ކަމާއެކު ގައެވެ. އުފާވެރިކަމާއި، ހިނިތުންވެ ހުރެ ދަރިވަރުންނާ މުޢާމަލާތު ކުރުމަކީ ހިތްހަމަޖެހުން އިތުރު ވާނެ ކަމެކެވެ. ދަރިވަރުންނަށް ގޮވާލާ ޙާލު އަހާލާ ހެދުންފަދަ ކަންކަމުން މުދައްރިސާ ދަރިވަރާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހި ވެގެން ދެއެވެ. ދަރިވަރު މުދައްރިސަށް ކުރާ އިތުބާރު ބޮޑުވެގެން ދާނެއެވެ.
އެއާޚިލާފަށް މުދައްރިސުންނަކީ ދަރިވަރުންނާ އެކުވެރި ގާތް ގުޅުމެއް ނެތް، މީހަކަށް ވާނަމަ އެކަމުގެ ސަބަބުން ދަރިވަރުންގެ އުނގެނުމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރާނެއެވެ. ދަރިވަރުން ކިޔެވުންމަތިން ފޫހިވެ، ޝައުޤުވެރިކަން ގެއްލިގެން ދާނެއެވެ. އިޙުތިރާމު ކުރުމާއި ޤަދަރުކުރުން ފަދަ މުހިންމު ސިފަތަށް ނެތި ކަންކުރުމުގައި ފަސްޖެހޭގޮތް މެދުވެރި ވާނެއެވެ. އެހެންކަމުން ކޮންމެ މުދައްރިސަކީ ދަރިވަރުންނަށް އިޙުތިރާމާ ލޯތްބާއެކު މުޢާމަލާތު ކުރާބަޔަށް ވުމަކީ އެ ދަރިވަރުންގެ އުނގެނުމުގެ ޙަޔާތް ބާއްޖަވެރި ކުރުމަށް ވެދެވޭ އެހީތެރި ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެމެވެ.

(ނ) ދަރިވަރުންނާއި އޮންނަ ގުޅުން

އަޅުގަނޑުމެން އެންމެންމެ ޤަބޫލުކުރާ ގޮތުގައި މުދައްރިސުންނަނީ ވަރަށް މުހިންމު އަދި އެހާމެ ކުޅަދާނަ ބަޔެކެވެ. އަދި ގިނަގުނަ ހުނަރުވެރިކަމެއް ލިބިފައިވާ ބަޔެކެވެ. އެގޮތުން މުދައްރިސުންގެ ކުޅަދާނަކަން ދައްކުވައިދޭ އެއްކަމަކީ އޭނާގެ ކިބާގައި ހުންނަ ކިޔަވައިދިނުމުގެ އާދަޔާ ޚިލާފު ހުނަރެވެ. ހަމައެއާއެކު އެހެންމީހުނަށް އަޅާލާ އޯގާތެރިކަމުގެ ސިފައާއި، އެހެންމީހުންގެ އިޙުސާސްތައް ވަރަށް ރަނގަޅަށް ދެނެގަތުމުގެ ޤާބިލުކަމަކީ ކޮންމެ މުދައްރިސެއްގެ ކިބާގައި ހުންނަންޖެހޭ މުހިންމު ސިފައެކެވެ. "މުދައްރިސްގެ ޝަޙުސިއްޔަތުގައި ހުންނަ ބައެއް ސިފަތަކަކީވެސް ކިޔަވައިދިނުމަށް މުހިންމު އެހާމެ ބޭނުންތެރި ސިފަތަކަކަށް ވެއެވެ. "ދަރިވަރުންނަށް އަޅާލާ، އޯގާތެރި، ދަރިވަރުންނާއި ގުޅޭ މަޖާ މޫޑެއްނަމަ ކިޔަވައިދިނުން އިތުރަށް ހަރުދަނާވުމަށް އެހީތެރިވެ ދެއެވެ" (ޝާރުދާ ސަޢީދު).
މުދައްރިސުން އެ މުދައްރިސެއްގެ ދަރިވަރުންނާ އޮންނަ ގުޅުން ހާމަވެގެންދާ އެއްކަމަކީ މުދައްރިސަށް ދަރިވަރުންނާ ގުޅޭގޮތުން ލިބިހުރި މަޢުލޫމާތެވެ. ކިލާހެއްގައި ކިޔަވަން ތިބޭ ވަކިވަކި ކުދިންގެ ނަންތައް ފުރިހަމަޔަށް އެނގުމާއި، އެކުދިންގެ މައިންބަފައިނާއި، އެ މައިންބަފައިންގެ މާޒީގެ ފަސްމަންޒަރު ފަދަ މުހިންމު މަޢުލޫމާތުތައް ފުރިހަމަޔަށް އެނގުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖަކަށް ވުމެވެ. ތަފާތު އިޙުސާސްތަކެއް ހިނގާ ތަފާތު ޝުޢޫރެއްގެ ވެރިޔަކަށް ވާތީއެވެ. އެހެންކަމުން ދަރިވަރުންނާއިއެކު އޮންނަ ގުޅުންތެރިކަން ވަރުގަދަކުރުމަށް ދެންނެވިދިޔަފަދަ މަޢުލޫމާތުގެ ވެރިޔަކަށް މުދައްރިސުން ކޮންމެހެން ވުން މުހިންމެވެ. "ކިޔަވައިދެމުން ދާއިރު ދަރިވަރުންގެ ތަފާތުކަންކަން ދެނެގަނެ އެކުދިން ދަސްކޮށް، ތަފާތު ކުދިން މަޢުލޫމާތު ހަޖަމުކުރާނެ ގޮތްތައް ދެނެގަނެ އެކުދިންނަށް އޮޅުންފިލުވައި ދިނުމުގައި ކޮންމެ ކުއްޖަކަށްވެސް ޚާއްޞަ ގޮތެއްގައި ޚިޔާލު ބެހެއްޓުމަކީ ކިޔަވައިދިނުން ފުރިހަމަވުމަށް އެހީތެރިވެދޭ ގޮތްތަކެކެވެ" (ފެކަލްޓީ އޮފް އެޑިޔުކޭޝަން).
ދަރިވަރުންގެ އުނގެނުމުގެ ތޫނުފިލިކަމާއި، ކުޅަދާނަކަން އަދި އެހީތެރިކަމާއި އަޅާލުން ލިބެންޖެހޭ ދާއިރާތަކާއި ކަންކަން އޮޅުންފިލުވާ ހެދުމަކީ ކޮންމެ މުދައްރިސަކުވެސް ކޮންމެހެން ކުރަންވާނެ ކަމެކެވެ. އެކިކުދިންގެ ކިބައިގައި ހުންނާނީ އެކި ކުޅަދާނަކަމެވެ. އެކި ޤާބިލުކަމެވެ. އެ ކުޅަދާނަކަން ނުވަތަ އެ ޤާބިލުކަން ތަރައްޤީވެގެން އަންނަނީ މުދައްރިސްގެ ކުޅަދާނަކަމާއި، ހުނަރުވެރިކަމުގެ ތެރެއިންނެވެ. އެހެންކަމުން މުދައްރިސްގެ އުނގަންނައިދިނުން ކުދިންގެ ޤާބިލުކަމަށް ވިސްނުން ބަހައްޓައިގެން ކުރިޔަށް ގެންދާނަމަ މުދައްރިސަށް ކުރާ އިތުބާރު ބޮޑުވެ އެކުވެރިކަމާއި ކުލުނުވެރިކަން އިތުރު ވެގެން ދާނެއެވެ.
ކޮންމެ ދަރިވަރަކީ ތަފާތު ބެކްރައުންޑެއްގެ ދަރިވަރެކެވެ. އެދަރިވަރުންގެ ސުލޫކާއި، ތަޖުރިބާތައް ތަފާތުވާނެއެވެ. އެ ދަރިވަރުންގެ އިޖުތިމާޢީ ގުޅުންތެރިކަން ހުންނަގޮތް ތަފާތު ވާނެއެވެ. އަދި އެ ދަރިވަރުންގެ ސްލޫކީ މިންގަޑު ހުންނަ ގޮތާއި ދަރަޖަތައްވެސް ތަފާތުވާނެއެވެ. ނަމަވެސް މުދައްރިސުންނަކީ ހުރިހާ ޙާލަތެއްގައިވެސް ދަރިވަރުން ގޮވައިގެން މަސައްކަތް ކުރެވޭ މީހަކަށް ވާންޖެހޭނެއެވެ. ދަރިވަރުންނާއި ވަރަށް ގުޅިގެން އޯގާތެރިކަމާއެކު މަސައްކަތްކުރަން ދަންނަ މީހަކަށް ވާންވާނެއެވެ. ދަރިވަރުންނަށް ފުރިހަމައަށް އިރުޝާދު ދޭ އަދި ދަރިވަރުންގެ ފަރާތުން ކުރިމަތިވާ ސުވާލުތަކަށް އެންމެ އެކަށީގެންވާ ރަނގަޅު ޖަވާބު ހިތްހެޔޮ ކަމާއެކު ފޯރުކޮށްދޭ މީހަކަށް ވާންވާނެއެވެ. މިކަމުގެ ސަބަބުން ދަރިވަރުން ބޭނުންވާ ކަންކަމުގެ ވާހަކަތައް ހުށަހަޅާ، ޚިޔާލު ބަދަލުކުރުމަށް ހިތްވަރު ލިބިގެންދާނެއެވެ. އަދި މުދައްރިސާ ދަރިވަރުންނާ ދެމެދު އޮންނަ ގުޅުންތެރިކަން ވަރުގަދަ ވެގެން ދާނެއެވެ.
މުދައްރިސުންނަކީ ދަރިވަރުން އެބަޔެއްގެ ކަންތައްތައް އެންމެ ގާތުން ބަލާ އެއްބަޔެވެ. މުދައްރިސުންގެ އުޅުމާއި، އަޚުލާޤާ ސުލޫކަކީ އެ ދަރިވަރުން ވަރަށް ފާރަވެރިވާ ކަމެކެވެ. އެހެނީ ދަރިވަރުން މުދައްރިސުންގެ ބަސްމަގާ އަދި މިޒާޖު ވަރަށް ގިނަފަހަރު ކޮޕީ ކުރެއެވެ. ދަރިވަރުންނާމެދު ކަންތައްތައް ކުރާގޮތާއި، އެހެންކުދިންނާއެކު އޮންނަ ގުޅުންތެރިކަން ވަރަށް ބޮޑަށް ބަލައެވެ. އެހެންކަމުން މުދައްރިސް ވާންވާނީ ހުރިހާ ދަރިވަރުންނަށް ހަމަހަމަކަމާއި، އިންސާފުވެރި ކަމާއެކު އެހީތެރިވެ އަޅާލާ މީހަކަށެވެ. ލޯތްބާއި ކުލުނުވެރިކަމާއެކު އެހީތެރިވެދޭ މީހަކަށެވެ. މިކަމުގެ ސަބަބުން މުދައްރިސަށް ދަރިވަރުން ކުރާ އިތުބާރު ބޮޑުވެ ގުޅުންތެރިކަން އިތުރުވެގެން ދާނެއެވެ. މިކަމުގެ ނަތީޖާއަކަށް ވެގެންދާނީ ދަރިވަރުން ހޯދާ ކާމިޔާބީ އިތުރުވެ، އެދަރިވަރުންގެ އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑުވެގެން ދިޔުމެވެ.

(ރ) ސާފުކޮށް އޮޅުންފިލާނެހެން ބުނެދިނުން

ޢައިޝަތު ޒަޢީމާ، (2010) ހާމަކުރައްވާ ގޮތުގައި، މުދައްރިސުން ކިލާހުގައި ބަދަހި ގުޅުމެއް އުފެދުމުގައި މުދައްރިސް ގެންގުޅުއްވާ ތަފާތު އުކުޅުތައް ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ. ކުލާހެއްގައި ތިބެނީ ތަފާތު ގޮތްގޮތަށް އުނގެނުމުގެ (ސްޓައިލް) ލިބިފައިވާ ކުދިންނެވެ. އެހެންކަމުން މިކުދިންނަށް އެކަށީގެންވާ ކިޔަވައިދިނުމުގެ ވަޞިލަތްތައް ބޭނުން ކުރަންޖެހެއެވެ. އަޑުއަހައިގެން ދަސްކުރާ ކުދިންނަށް އޮޅުންފިލާނެ ފަސޭހަ ގޮތްތަކާއި، ބަލައިގެން ދަސްކުރަން ފަސޭހަ ކުދިންނަށް ރަނގަޅަށް ފަހުމުވާނެ އުކުޅުތަކެވެ. އަދި ތަޖުރިބާ ކޮށްގެން ދަސްކުރާ ކުދިންނަށް އޮޅުންފިލާނެ މޮޅު ގޮތްތައް ބޭނުންކުރުމަކީ އެކުދިންނަށް އޮޅުންފިލާ މިންވަރު އިތުރުވެ ކުދިންގެ އުނގެނުމަށް ބަހައްޓާ ޝައުޤުވެރިކަން އިތުރު ކޮށްދޭނެ ކަމެކެވެ.
ދަރިވަރުންނަށް އޮޅުންފިލުވައި ދިނުމުގައި ހަށިގަނޑުގެ ހަރަކާތް (ބޮޑީ ލެންގްއޭޖް) އަކީ ކޮންމެހެން ބޭނުންކުރަންޖެހޭ އުކުޅެކެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް އޮޅުންފިލާ މިންވަރު އިތުވެއެވެ. އަދި އެ ކިޔާދޭ އެއްޗެއް ދޭހަވުމަށް އެހީތެރިވެ ދެއެވެ. ވީމާ ކޮންމެ މުދައްރިސަކުވެސް އުނގަންނައިދީ އޮޅުންފިލުވައި ދިނުމުގައި ހަށިގަނޑުގެ ޙަރަކާތްތައް ދަރިވަރުންނަށް ފަސޭހައިން ފަހުމުވާ ގޮތަށް ބޭނުންކުރަން ވާނެއެވެ.
ސާފުކޮށް އޮޅުން ފިލުވައި ދިނުމުގައި ދަރިވަރުންނަށް ތަފާތު އެއްޗެތި ދައްކައިގެން އޮޅުންފިލުވައި ދިނުމަކީ އެކުދިންނަށް ދޭހަވެ ނަގައިގަންނަ މިންވަރު އިތުރު ކޮށްދޭނެ ކަމެކެވެ. ޢައިޝަތު ޒަޢީމާ، (2010) މިކަމަށް ބާރުދެއްވުމުގެ ގޮތުން ވިދާޅުވެފައިވަނީ، ގިނަކުދިންނަކީ އެހެންމީހުން ކަންތައް ކުރާގޮތް ބަލައިގެން އެގޮތަށް ކަންތައްކުރަން ދަސްކުރާ ކުދިންނެވެ. އެހެންކަމުން ދަރިވަރުންނަށް އޮޅުންފިލުވައި ދިނުމުގައި އެކުދިންނަށް އެ ކިޔަވައިދޭ ފިލާވަޅަކާ ގުޅޭ މަންޒަރު، ފޮޓޯ ނުވަތަ އަސްލު ތަކެތި ދައްކައިގެން އުނގަންނައި ދިނުމަކީ ދޭހަވާ މިންވަރު އިތުރުވުމުގެ އިތުރަށް، އެކަމެއް ރަނގަޅަށް އޮޅުން ފިލާނެ ކަމެއްވެސް މެއެވެ.

No comments:

Post a Comment