ބިއުރިސް އަދި ވެލްނަރ (2005)
ވިދާޅުވެފައިވަނީ، ދަރިވަރުން އުނގެނޭ މިންވަރު
އިތުރުވެގެން ދަނީ އެކުދިންނަށް މުދައްރިސް ޙަވާލުކުރާ ޗެލެންޖިންގ
މަސައްކަތްތަކުގެ އެހީގައެވެ. ދަރިވަރުންނާމެދު މަތިވެރި އުއްމީދުތަކެއް
މުދައްރިސުން ކުރާތީއެވެ. ދަރިވަރުންނަށް ހިތްވަރު ދީގެން އެކުދިންލައްވާ
މައްސަލަތައް ގުރޫޕްތަކުގައި ނުވަތަ ޕެއާ ތަކުގައި ހައްލުކުރުމުގެ ފުރުޞަތު ދެވޭ
މިންވަރަކުންނެވެ.
އެހެންކަމުން ކިޔަވައިދިނުމުގެ
މާހައުލަކީ ތަފާތު ފެންވަރުގެ ޤާބިލުކަން ހުރި (ޖިސްމާނީ ގޮތުންނާއި ނަފުސާނީ
ގޮތުން) ކުދިންނަށް އެކަށޭނަ މާހައުލަކަށް ހެދުމަށްފަހު ބޮޑަށް ކުދިންގެ
ބައިވެރިވުން ހިމެނޭގޮތަށް ފިލާވަޅުތައް ބައްޓަން ކުރުމަކީ އޭގެނަތީޖާ އެތައް
ގޮތަކުން ރަނގަޅު ވާނެކަމެކެވެ. އުނގަންނައިދިނުމުގައި ދަރިވަރުންނަށް އެކުދިންގެ
ޤާބިލު ކަމަށް އިސްކަންދީގެން ގިނަ ފުރުޞަތުދީ، އެއްކުއްޖަކު އަނެއް ކުއްޖަކާ
މަޝްވަރާ ކުރުމާއި، ކަންކަމާ މެދު ދެކޭގޮތް އެއްކުއްޖަކު އަނެއް ކުއްޖަކާ
ހިއްސާކުރުމަކީ ކުދިންގެ ވިސްނުން ފުޅާވެ ކުދިންގެ ވިސްނުން ތަރައްޤީވެ ދާނެ
ކަމެކެވެ. މީގެއިތުރުން ކަންކަމުގައި ވިސްނުން ބަހަންޓަންވި ގޮތް ދަސްވެ
އާދަޔާޚިލާފު ގޮތްތަކަށް ދަރިވަރުންގެ ވިސްނުން ފަހިކޮށްދޭނެއެވެ. އެހެންކަމުން
ކިޔަވައި ދިނުމުގައި އުނގެނުމުގެ ފަހުގެ ގޮތްތައް ބޭނުންކުރުމަކީ މުދައްރިސުން ގެ
އުއްމީދުތަކާއި އެއްމިންވަރަށް ކުދިންގެ ވިސްނުން ތަރައްޤީ ކުރުވާނެ ކަމެކެވެ.
މުދައްރިސުން އަބަދުވެސް ދަރިވަރުންނާމެދު
މަތީ އުއްމީދުތަކެއް ކުރާ، އަދި މަތީ ކާމިޔާބުތަކެއް ހޯދިދާނެކަމަށް ޤަބޫލު
ކުރާނަމަ، އެފަދަ މުދައްރިސުން ކިޔަވައިދޭ ދަރިވަރުން އެކުދިންގެ މަސައްކަތުގައި
ކާމިޔާބީއަށް ގަދައަޅާ މަސައްކަތް ކުރާނެއެވެ. މެހަން، (2007) ހާމަކުރައްވާ ގޮތުގައި، ދަރިވަރުންނަށް
ކުރެވޭ ހުޅުވާލެވިފައިވާ ސުވާލުތަކުގެ ސަބަބުން ދަރިވަރުންނަށް ފެންނަ ގޮތް
ހާމަކުރުމަށް ފުރުޞަތު ލިބިގެން ދާނެއެވެ. ހަމައެއާއެކު މުދައްރިސުން ދަރިވަރުންނަށް
ޙަވާލުކުރެވޭ މަސައްކަތްތަކަކީ ޢަމަލީގޮތުން ޙަރަކާތްތެރިވެ އޮބްޒޯވްކޮށް
ވަޒަންކުރުމުގެ ހުނަރު ތަރައްޤީ ކުރުމަށް އެހީވެދޭ މަސައްކަތްތަކަކަށް ހަދަން
ޖެހޭނެއެވެ. އަދި ގޭގައި ކުރުމަށް ދެވޭ މަސައްކަތްތަކަކީ ދަރިވަރުން ރިސާޗް
ކޮށްގެން ކުރެވޭ ދަރިވަރުން ޝައުޤުވެރި މަސައްކަތްތަކަކަށް ވާންވާނެއެވެ.
އެހެންކަމުން އުނގަންނައި ދޭއިރު ދަރިވަރުންނަށް
ލިބިފައިވާ މަޢުލޫމާތު އެއްކުއްޖަކު އަނެއް ކުއްޖަކާ ޙިއްސާކޮށް، މަޝްވަރާ
ކުރުމުގެ ފުރުޞަތު ދޭންޖެހެއެވެ. ކަންކަމާ ގުޅޭ ފޮޓޯ، ވީޑިޔޯ ބަލައިގެން ގުރޫޕް
ތަކުގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ދޭންޖެހެއެވެ. ތަފާތު
ކަންކަމާގުޅޭ ޕްރޮޖެކްޓް މަސައްކަތްތައް ސްކޫލްގައާއި، ގޭގައި ފަންނީ
މަސައްކަތްތައް ކުދިންލައްވާ ކުރުވަންޖެހެއެވެ. "ތަޢުލީމީ ގޮތުން ކުރިޔަށް
ނުދެވޭ ދަރިވަރުންނަށްވެސް އެކުދިންގެ ހުނަރު ތަރައްޤީކޮށް، ޤައުމަށް ޚިދުމަތްތެރި
މީހަކަށް ވެވޭނެމަގު ސްކޫލްގެ ތެރެއިން ތަނަވަސް ވާންޖެހެނެ. (ޢައިޝަތު ޝިހާމް، 2014). އޭރުން އެ ލިބޭ މަޢުލޫމާތު
އެކުދިންގެ ދިރިއުޅުމުގައި ބޭނުންކުރަން އެނގޭނެއެވެ. މުދައްރިސެއްގެ
ހައިސިއްޔަތުން އަބަދުވެސް ބޭނުންވަނީ ކިޔަވައިދޭ އެއްޗެއް ރަނގަޅަށް ދޭހަވެ، އެ
ލިބޭ މަޢުލޫމާތު ރަނގަޅަށް ބޭނުންކުރަން އެނގުމެވެ. އެހެނީ ކިޔަވައިދިނުމަކީ
އެކުދިން މާދަމައަށް ތައްޔާރު ކުރުމެވެ. ރަނގަޅު ދިވެހި ދަރިޔެއް އުފެއްދުމެވެ.
އެހެންކަމުން އުނގެނުމުގައި ދަސްވިއެއްޗެއް ޢަމަލީ ޙަޔާތުގައި ބޭނުންކުރަން
އެނގުމަކީ މުދައްރިސްގެ އެންމެ ބޮޑު އެއް އުއްމީދެވެ.
އަޅުގަނޑުމެންގެ މުޖުތަމަޢުތައް
އުފެދިފައިވަނީ ތަފާތު އެކި ގިންތީގެ މީހުން ހިމެނޭ ގޮތަށެވެ. ވަރަށް އާދައިގެ ނިކަމެތިންނާއި،
އާދައިގެ ދިރިއުޅުން އުޅެމުންދާ މީހުންގެ އިތުރުން ވަރަށް ބޮޑެތި މުއްސަދި
ފޯރާމީހުން ކޮންމެ މުޖުތަމަޢެއްގައި އުޅެމުން ދެއެވެ. މި އެންމެހައި ފަރާތްތަކަށް
ނިސްބަތްވާ ކުދިން ތަޢުލީމު އުނގެނި ދަސްކުރަން އަންނަ ތަނަކީ ސްކޫލް މަދަރުސާ
ތަކެވެ. އެހެންކަމުން މުދައްރިސުންނަކީ އެކުދިން ނިސްބަތްވާ ޢާއިލާޔަށް ނުވަތަ
ފުދުންތެރިކަމަށް ބަލައިގެން ވާނެބައެއް ނޫނެވެ. އަބަދުވެސް ވިސްނަންވާނީ ކޮންމެ
ކުއްޖަކީވެސް ވިސްނުންތޫރު ޤާބިލު ކުއްޖަކަށް ހެދުމަށެވެ. އެކުއްޖެއްގެ
ޤާބިލިއްޔަތުކަން ހުރި ދާއިރާތަކުން ކުރިއަރުވާ ހުނަރުވެރި ކުރުމަށެވެ.
މުދަރއްރިސުން ކުދިން ނިސްބަތްވާ ގިންތިތަކަށް ނުވިސްނައި އެކުދިންގެ ޤާބިލުކަމަށް
ވިސްނުން އަމާޒުކޮށް ކިޔަވައިދެމުން ދާނަމަ އަޅުގަނޑުމެން އުއްމީދުކުރާ ފަދަ
ހުނަރުވެރި ކުދިންތަކެއް އުފެދިގެން ދާނެއެވެ. އަދި ކުދިންނަށް އެކުދިންނަކީ
ހަމަހަމަ ބައެއްކަމުގެ އިޙުސާސްކުރެވި މުޖުތަމަޢުގެ ބައިވެރިޔެއްގެ ގޮތުގައި
މަސައްކަތް ކުރުމުގެ ހިތްވަރު ލިބިގެން ދާނެއެވެ.
ދިވެހިރާޖޭގެ ރައްތަކުގައި އަދިވެސް މަދުންނަމަވެސް
ކާބަފައިންގެ އިހުގެ ޤަބޫލުކުރުންތައް ހުންނަކަން ފާހަގަވެއެވެ. އެހެނީ އޭރުގަ
އަބަދުވެސް ޤަބޫލު ކުރެވެމުން އައީ ކަތީބުގެ ދަރިންނަކީ ކިޔަވައި މޮޅު މީހަކަށްވެ
އެ މަޤާމު އަދާކުރަންޖެހޭ އަދި އެމަޤާމު އަދާކުރާ މީހުނަށް ވުމެވެ. އެދުރުންގެ
ދަރިން އެދުރުންނަށް ވުމެވެ. މަސްވެރިންގެ ދަރިން މަސްވެރިންނަށް ވުމެވެ. އަދި
ދަނޑުވެރިންގެ ދަރިން ދަނޑުވެރިންނަށް ވުމެވެ. މިހެން ޤަބޫލުކުރުންތައް ހުރުމުން
މަސްވެރިއެއްގެ ދަރިޔެއް މުދައްރިސުކަން ކިޔަވައިގެން އައުމުންވެސް އެއީ އެފަދަ
ޢިލްމެއް އުނގެނިގެން ހުރި މީހެއްގެ ގޮތުގައި ބަލައިގަތުމަށް ބައެއް
މުޖުތަމަޢުތަކުގައި އަދިވެސް މައްސަލަތައް ހުރެއެވެ.
އެހެން ކަންތައް އޮތްނަމަވެސް އަދުގެ ތަޢުލީމީ ވެށީގައި އުނގަންނައިދީ
ދަސްކޮށްދޭންވާނީ އެއްވެސް ކުއްޖެއް ތަފާތުކުރުމެއް ނެތިއެވެ. ކުލަޔަކަށް
ޖިންސަކަށް ބެލުމެއް ނެތިއެވެ. ޒިންމާދާރު ދަރިންތަކެއް މުޖުތަމަޢަށް ނެރެދިނުމުގެ
ވިސްނުމުގައެވެ. އޭރުން ކޮންމެ ކުއްޖަކީވެސް މުޖުތަމަޢަށް ބޭނުން ފަރުދަކަށް
ވެގެން ދާނެއެވެ. (މެހަން، 2007
) ވިދާޅުވެފައިވަނީ، ސްކޫލް އަބަދުވެސް މަސައްކަތް ކުރަންވާނީ މުޖުތަމަޢުގެ
ބޭނުންތަކަށް އަމާޒުކޮށް ކުދިންނަށް ތަޢުލީމުދޭ ތަނަކަށެވެ. އުނގެނުމަށް
ދަށްކުދިން ލޭބަލް ވާގޮތަށް ވަކިކޮށްލުމުގެ ބަދަލުގައި، އުނގެނުމުގައި ތަފާތު
ކުރުމެއްނެތި، ދަށްކުދިންނަށް އެހީތެރިވެދީ، މަތީފެންވަރުގައި އުނގެނެމުންދާ
ކުދިންނާ އެއް މިންގަޑެއްގައި ކުދިން ބޭތިއްބުމަށް މަސައްކަތް ކުރާތަނަކަށެވެ.
އަޅުގަނޑުމެންގެ ކޮންމެ މީހަކީ
އެމީހެއްގެ ތަޢުލީމީ ޙަޔާތުގެ ދުވަސްތަކުގައި އެކި މަރުޙަލާތައް ކަޑަތު ކޮށްފައިވާ
މީހެކެވެ. ކުޑަކުއްޖެއްގެ ގޮތުގައި ދުވަސްތަކެއް ހޭދަކުރިއެވެ. ފުރާވަރުގެ
ކުއްޖެއްގެ ގޮތުގައި ދުވަސްތައް ހޭދަކުރިއެވެ. އަދި ޒުވާނެއްގެ ގޮތުގައިވެސް
ތަޢުލީމީ ޙަޔާތުގެ ދުވަސްތައް ހޭދަކުރިއެވެ. މި މަރުޙަލާތައް ކަޑަތުކޮށް ރަނގަޅު
ހަރުދަނާ ލީޑަރެއްގެ ގޮތުގައި ވެގެންދަނީ ކިޔަވައި ދެއްވުމުގައި މުދައްރިސް އާއި
ކުދިންނާ ދެމެދު އޮންނަ ގާތް ގުޅުންތެރިކަމާއި، ކުދިންނާ ދެމެދު މުއާމަލާތު ކުރެވޭ
ރަނގަޅު ގޮތްތަކެއްގެ ސަބަބުންނެވެ. "ކުދިންނަށް ކިޔަވައިދެއްވާ މުދައްރިސަކީ
ދަރިވަރުންނާމެދު އުއްމީދުކުރާ، އެކުދިންގެ ހުރި އާދަޔާޚިލާފު ހުނަރާއި ސިފަތަކަށް
ވިސްނުން ބަހައްޓައިގެން އުނގަންނައި ދެވެމުން ދާނަމަ ދަރިވަރުންގެ ތޫނުފިލިކަމާއި
ޤާބިލުކަން ފެނިގެން ދާނެ،" (އަބްދުލް ކަލާމް، 2014).
No comments:
Post a Comment