ދިވެހިރާއްޖޭގެ ސްކޫލްތަކުގައި
ކިޔަވައިދެމުން ގެންދާ މުދައްރިސުންނަށް ދަރިވަރުންގެ ވިސްނުން ތަރައްޤީ ކުރުމަށް
މަސައްކަތް ކުރަމުންދާއިރު ވަރަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވަމުން
ދެއެވެ. މި ގޮންޖެހުންތަކުގެ ސަބަބުން މުދައްރިސުން ކިޔަވައިދޭން ބޭނުންވާ މިންވަރަށް
އަދި ފެންވަރަށް ހުނަރު ތަރައްޤީކޮށް އުނގަންނައި ދިނުމުގެ ކަންތައްތައް
އިންތިޒާމުކޮށް ކުރިޔަށް ގެންދަން ވަރަށް ބޮޑަށް ދަތިވެއެވެ. އެހެނަސް އެކި ސްކޫލް
ތަކުގައި މިދެންނެވި ގޮންޖެހުންތައް ނުވަތަ މައްސަލަތައް، ދިމާވާ މިންވަރު ތަފާތު ވެދާނެއެވެ. އެހެނީ އެއީ، ކޮންމެ
ސްކޫލެއްވެސް ހުންނަނީ ތަފާތު މުޖުތަމަޢެއްގައި ކަމަށްވާތީ އެވެ. މިއިން ކޮންމެ
މުޖުތަމަޢެއްގެ އާދަކާދަޔާއި އުޞޫލުތައް ތަފާތުވާނެއެވެ. ޤުދުރަތީގޮތުންނާއި އިޖުތިމާޢީ
ގޮތުންނެވެ. އިޤްތިޞާދީގޮތުން އެ ސްކޫލެއް ނިސްބަތްވާ މުޖުތަމަޢަށް އަންނަ އެދެވޭ
އަދި ނޭދެވޭ ކޮންމެ ބަދަލެއްގެ އަސަރު ސްކޫލްތަކަށް ކުރަމުންދާނެ އެވެ.
ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީކުރުމަށް ކިޔަވައިދިނުމުގައި ހުރި ގޮންޖެހުންތައް
މުޖުތަމަޢުގެ އަފުރާދުންނަށާއި
ރަށްރަށުގެ ވެއްޓަށް އައިސްފައިވާ ބަދަލުތަކަކީ ކިޔަވާ ކުދިންގެ ސްލޫކަށް
އަސަރުކުރުވާ ކަމެކެވެ. ޤާނޫނާ ޤަވާޢިދުތަކަށް ކިޔަމަންތެރިނުވުމާއި، އަނެކުންތައް
އިޙުތިރާމު ނުކުރުން މިއަދު މިވަނީ މުޖުތަމަޢުގައި ޢާއްމުވެފައެވެ. މިކަމުގެ ސަބަބުން
މިއަދު ސްކޫލް މަދަރުސާތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ އުޅުމާއި، އަޚުލާޤަށް ވަރަށްބޮޑު
ނޭދެވޭ އަސަރުތަކެއް ވަނީ ކޮށްފައެވެ. މުދައްރިސުންނަށް އިޙުތިރާމް ނުކުރުމާއި،
ކިޔަމަންތެރި ވުމުގެ މާތް ސިފަތަށް ގިނަކުދިންގެ ފޭރާމުންވަނީ ވަކިވެފައެވެ.
އެހެންކަމުން ދަރިވަރުންގެ ވިސްނުން ތަރައްޤީ ކުރުވަނިވި އުނގަންނައިދިނުމެއް ގެންދިޔުމުގައި
ދަރިވަރުންގެ ސްލޫކަށް އައިސްފައިވާ ނޭދެވޭ ބަދަލު ވެގެން ގޮސްފައިވަނީ މުދައްރިސުން
ނަށް ދިމާވެފައިވާ ވަރަށްބޮޑު ގޮންޖެހުމެއް ކަމުގައެވެ. "ވައިގޮޓްސްކީގެ
ތިއަރީގައިވާ ގޮތުން މަޢުލޫމާތު ބިނާކުރެވެނީ އިޖުތިމާޢީ ތަފާތު ޙާލަތްތަކެއްގެ
ތެރެއިން އެކުއްޖެއްގެ ވިސްނުމާއި އުމުރާއި ގުޅޭފަދަ ގޮތެއްގައެވެ. ވިސްނުން
ބައްޓަންވަނީ ކުދިން އުޅޭ ޘަޤާފީ އިޖުތިމާޢީ މާހައުލުގެ އަސަރުންނެވެ"
(ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ).
ދަރިވަރުން އުނގެނުމަށް ދޭ ސަމާލުކަން
ކުޑަވުމުމަކީ މުދައްރިސުންނަށް ކިލާސްރޫމުގައި ދިމާވާ ގޮންޖެހުންތަކުގެ ތެރެއިން އެންމެބޮޑު
އެއް ގޮންޖެހުމެވެ. މުދައްރިސުން ތައްޔާރުވެގެންދާ ފިލާވަޅުތައް ގެންދަން ބޭނުންވާ
ފެންވަރަށް ކުދިން ކިޔަވަން ބަހައްޓާ ޝައުޤުވެރިކަން ދަށްވުމުގެ ސަބަބުން
އެކުދިންގެ ވިސްނުން ތަރައްޤީ ކުރުވުމަށް މުދައްރިސުންނަށް ވަނީ ވަރަށް ބޮޑު
ގޮންޖެހުމަކަށް ވެފައެވެ. އާދަމް ސަމީމު (2010) ހާމަކުރައްވާ ގޮތުގައި، ސްކޫލްތަކުން
ދަސްކުރުމުގެ ފުރިހަމަ މާޙައުލެއް އުފައްދައިދޭން ޖެހެއެވެ. ޙަރަކާތްތެރި
ކަމާއިއެކު ދަރިވަރުންގެ އަމިއްލަ ބޭނުންތައް ދެނެގަނެވޭ ފަދަ މާޙާއުލެއް
ބިނާކޮށްދޭންޖެހޭނީ ސްކޫލް މަދަރުސާތަކުންނެވެ. އޭރުން އެ ދަރިވަރުންނަށް ޙަޤީޤީ
ދުނިޔޭގެ މައްސަލަތަކާއިމެދުގައި ސަބަބު ކަނޑައަޅައި އަދި އެކުދިންނަށް ދަސްވާ
އެއްޗެއް ސްކޫލްގެ ހަތަރު ފާރުން ބޭރުގައިވާ އެކުދިންގެ ހަޔާތަށް ގެންދެވޭނެއެވެ.
ސްކޫލް މަދަރުސާތަކުގައި ކުދިންނަށް
ކިޔަވައިދިނުމަށް ބޭނުންކުރާނެ ފެސިލިޓީސް އާއި އިކްއިޕްމެންޓްސް (ވަޞީލަތްތައް)
އެކަށީގެންވާ މިންވަރާ ގާތަށްވެސް ނެތުމުގެ ސަބަބުން ދަރިވަރުންގެ ވިސްނުން
ތަރައްޤީ ކުރުވުމަށް މުދައްރިސުންނަށް ވަރަށް ބޮޑަށް ދަތިވެއެވެ. ކުޅިވަރުކުޅޭ ސާމާނު، ސައެންސްލެބް، ލައިބްރަރީ ފަދަ ވަޞީލަތްތަކަކީ
ދަރިވަރުންގެ ވިސްނުން ތަރައްޤީ ކުރުމަށް ވަރަށްގިނަގުނަ އެހީތެރިކަން ލިބިދޭ
ވަޞީލަތްތަކެވެ. "އުނގެނުމަކީ މާޙައުލުން ގެންދެވޭ މަޢުލޫމާތު ބަދަލުކޮށް
ސިކުނޑީގައި އެކަމާއި ގުޅޭގޮތުން އުފައްދާ އަސަރަކުން ސުލޫކު ވަކިގޮތަކަށް
ބަދަލުވުމެވެ." (ބަންދޫރާ،1986).
ޒަމާންތަރައްޤީވެ ކުދިން ބޭނުންކުރާ
ތަކެއްޗާއި ވަޞީލަތްތައް ޓެކްނޮލޮޖީ ވެގެން ދިޔައިރު ސްކޫލް މަދަރުސާތަކުގައި
އެފަދަ ވަޞީލަތްތައް ނެތުން ވެގެން ގޮސްފައިވަނީ އެކުދިންގެ ވިސްނުމާއި ހުނަރު
ތަރައްޤީ ކޮށްދިނުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަށެވެ. ދަރިވަރުން
ގޭގައި ލެޕްޓޮޕް، އައިޕްޑް، ފަދަ ވަޞީލަތްތައް ބޭނުންކޮށްގެން އިންޓަނެޓް
މެދުވެރިކޮށް ތަފާތު މަޢުލޫމާތުތައް ލިބި ހޭލުންތެރި ވެފައިވާއިރު، ގިނަ ސްކޫލް
މަދަރުސާ ތަކުގައި ބޭނުންކޮށްލާނެ މަލްޓިމީޑިޔާ ފަދަ އެއްވެސް ނެތެވެ.
އެހެންކަމުން ދަރިވަރުންގެ ސިކުނޑިތައް ވިސްނުން ތޫނުކުރުވުމަށް މުދައްރިސުން
އުނގަންނައި ދިނުމުގެ ތެރެއިން ކުރަންބޭނުންވާ ޓެކްނޮލޮޖީ އާއި ގުޅުންހުރި ކަންތައްތައް
ކުރުމަށްވަނީ ވަރަށްބޮޑަށް ދަތިވެފައެވެ.
ބެލެނިވެރިންނަކީ ދަރިވަރުންގެ އެންމެ
ފުރަތަމަ މަދަރުސާއެވެ. ކުދިންނަށް ރިވެތި އާދަތަކާއި ސުލޫކު، ނުރަނގަޅު ގޮތްތައް އުޅެން ބުނެދީ ދަސްކޮށްދިނުމުގައި
ބެލެނިވެރިންގެ ދައުރު ވަރަށް ބޮޑެވެ. އަދި ކުދިންލައްވާ ގޭގައި ހިންގާ ކިޔެވުމުގެ
އެންމެހައި ކަންކަމެއް ހިންގުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ ބެލެނިވެރިން ކަމަށް
ވީނަމަވެސް، ދަރިވަރުންނަށް ގޭގައި ކުރުމަށް ދެވޭ (ޕްރޮޖެކްޓް ވޯކް) ފަދަ
މަސައްކަތްތައް ކުރުމުގައި ބެލެނިވެރިންގެ ފުރިހަމަ އެހީތެރިކަން ފުރިހަމަޔަށް ނުލިބުމަކީ
ކުދިންގެ ވިސްނުން ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތަށް ކުރިމަތިވަމުންދާ
ގޮންޖެހުމެއް ކަމުގައި ފާހަގަވެއެވެ.
މަންހަޖަކީ ދަރިވަރުންނަށް
އުނގަންނައިދޭންވީ އެއްޗެއްގެ މަގުދައްކައިދޭ އަސާސެވެ. މީގައި ދަރިވަރުންނަށް
ލިބިދޭންޖެހޭ މަޢުލޫމާތާއި ހުނަރު އަދި ސިފަތައް ވަރަށް ރަނގަޅަށް ބަޔާން
ކޮށްފައިވެއެވެ. ނަމަވެސް އެ މަންހަޖުގައި ކަނޑައެޅިފައިވާ މިންވަރަށް ގަޑިނަގާ ނިންމަން
ސްކޫލްތަކުން އަޅާ ބާރުގެ ސަބަބުން ދަރިވަރުންނަށް ދަސްކޮށްދޭންޖެހޭ މިންވަރަށް
ގިނަ ހުނަރެއް ދަސްކޮށްނުދެވި ދެއެވެ. މީގެއިތުރުން ދަރިވަރުންނަށް
އުނގަންނައިދިނުމަށް ބޭނުންކުރަންޖެހޭ ތަފާތު އުކުޅުތައް ބޭނުންކުރަން އެކަށީގެންވާ
ވަގުތު ނުލިބޭކަން ފާހަގަވެއެވެ. ސްކޫލް ނިންމާ އަލުން އިތުރު ގަޑިތަކަށް
ދަރިވަރުންނަށް އައުންވަނީ އުނދަގޫ ކަމަކަށް ވެފައެވެ. ޓިއުޝަނަށާއި އިތުރު އެހެން
ކުލާސްތަކަށް ދާންޖެހުމުގެ ސަބަބުން ސްކޫލުން އެކުދިންނަށް އެހީވުމަށް ހިންގާ
އިތުރު ޙަރަކާތްތަކަށް އައުމަށް ހުރަސްތައް ހުރެއެވެ. އެހެންކަމުން މިއީ ދަރިވަރުންގެ
ވިސްނުން ތަރައްޤީ ކުރުމަށް މުދައްރިސުންނަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް
ކަމުގައި ބެލެވެއެވެ.
ދަރިވަރުންނަށް ދެވިފައިހުންނަ
ޓެކްސްޓް ފޮތްތަކަކީ ދަރިވަރުންނަށާއި މުދައްރިސުންނަށް އުނގަންނައިދިނުމުގަ
ބޭނުންކުރުމަށް އޮތް އެހީއެކެވެ. ފަހަރެއްގައިވެސް އެއީ ކަރިކިއުލަމެއް ނޫނެވެ.
އެހެނަސް މި ޓެކްސްޓް ފޮތްތައް ނިންމުމަށް ބެލެނިވެރިން ބޭނުންވުމަކީވެސް ކުދިންގެ
ވިސްނުން ތަރައްޤީ ކުރުމަށް މުދައްރިސުން ހިންގަން ބޭނުންވާ ޙަރަކާތަތައް ކުރިޔަށް
ގެނދިޔުމަށް ކުރިމަތިވެފައިވާ ވަރަށްބޮޑު ގޮންޖެހުމެކެވެ. މިކަމުގެ ސަބަބުން
މުދައްރިސުން ގެންދަންބޭނުންވާ ފެންވަރާ މިންވަރަށް ކުދިންގެ ވިސްނުން
ތަރައްޤީވާނެ ހަރަކާތްތައް ގެންދިޔުމަށް ވަގުތުގެ ދަތިކަމާއި ކުރިމަތިވެއެވެ.
ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީކުރުމަށް ކިޔަވައިދިނުމުގައި ހުރި ގޮންޖެހުންތައް ޙައްލުކުރަން ކުރެވިދާނެ ކަންތައްތައް
ދިވެހިރާއްޖޭގެ ކޮންމެ ސްކޫލެއްގައި
މަސައްކަތް ކުރަމުން ގެންދާ ކޮންމެ މުދައްރިސަކަށް ދިމާވެފައިވާ އެންމެ ބޮޑު
ގޮންޖެހުމަކީ ކިޔަވާ ކުދިންގެ އަޚުލާޤު ދަށްވުމުގެ މައްސަލައެވެ. މިކަމުގެ
ސަބަބުން މުދައްރިސުންނަށް ދިމާވަމުންދާ ގޮންޖެހުންތައް ޤައުމީ ފެންވަރުގަ އާއި
ސްކޫލް ފެންވަރުގައި ހައްލުކުރުމަށް ގިނަގުން މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް
އަޅުގަނޑު ދެކެމެވެ. ދަރިވަރުންގެ އުޅުމަށް އެންމެބޮޑު ހެޔޮ ނުފޫޒެއް ފޯރުކޮށްދެވޭނީ
އުނގެނުމާއި އުނގަންނައިދިނުމުގެ ތެރެއިންނެވެ. އެހެންކަމުން އުނގަންނައިދިނުމުގެ
ކަންތައް މައުނަވީ ގޮތެއްގައި ރާވާލައިގެން ހިންގުމަކީ ކޮންމެހެން
ކުރަންޖެހިފައިވާ ކަމެކެވެ. ސްކޫލްތަކުގައި އުނގަންނައި ދިނުން ދަރިވަރުން
ގަޔާވާގޮތަށް މުދައްރިސުން އިންތިޒާމު ކުރުމަކީ ކުދިންގެ އަޚުލާޤަށް ހެޔޮ އަސަރު
ކުރުވާނެ ކަމެކެވެ. ޚާއްޞަ ގޮތެއްގައި އެކްޓިވް ލާރނިން އަށް ބޭސްކޮށްގެން
ފިލާވަޅުތަކަށް މުދައްރިސުން ތައްޔާރުވުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު
ކަމެކެވެ. "ދަރިވަރުން އެއްޗެހި އުނގެނެނީ އެކިކުދިން އެކިގޮތަށް
ކަމަށްވެފައި، އަދި އެކި މިންވަރަށް ވުމާއެކު ތަފާތު ގޮތްތައް ބޭނުންކުރުމަކީ
ގިނަކުދިންނަށް އުނގެނުމަށް އެހީވެދޭނެ ކަމެކެވެ." (ޝާރުދާ ސަޢީދު، 2014). ހަމައެއާއެކު ލައިފްސްކިލް
ފަދަ މާއްދާ ސްކޫލްތަކުގައި ތައާރަފުކޮށް ދަރިވަރުންނަށް ފައިދާހުރި ގޮތެއްގައި ލައިފްސްކީލް
ގަޑިތައް ނެގެމުންދާނަމަ ކުދިންގެ އަޚުލާޤަށް ރަނގަޅު ބަދަލުތައް އަންނާނެ ކަމަށް
އަޅުގަނޑު ދެކެމެވެ.
ދަރިވަރުންގެ އަޤީދާ އާއި
އީމާންތެރިކަން އިތުރުކުރުވަނި ޕްރޮގްރާމްތައް، ދީނީ ދަރުސް ދިނުމާއި، ﷲ ވާޖިބު
ކުރައްވާފައިވާ ފަރުޟު ނަމާދުތައް ކުރުވައި އާދަކުރުވުމަކީ ކުދިންގެ އަޚުލާޤަށް
ވަރަށްބޮޑު ހެޔޮ ރަނގަޅު އަސަރު ކުރާނެ ކަމެކެވެ. މީގެއިތުރުން ދަރިވަރުންގެ
އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލަމުން ގެންދަވާ ދަރިވަރުންގެ
ބެލެނިވެރިން ދަރިވަރުން ގެންގުޅެ ތަރުބިއްޔަތު ކުރުމުގައި، ފަރުވާތެރި ވުމާއިއެކު
ދަރިން ވީހާވެސް ގާތުން ބަލައި ގިނަގިނައިން ނަޞޭހަތް ދެއްވާ ހެދުމަކީ ކުދިންގެ
އަޚުލާޤު ރަނގަޅުވެ ކިލާސްތަކުގައި ދަރިވަރުންގެ ފަރާތުން ދިމާވާ އަޚުލާޤީ
މައްސަލަތައް ހައްލުވެގެން ދާނެކަމެކެވެ.
ސްކޫލް މަދަރުސާ ތަކުގައި ކިޔަވަނުން
ގެންދާ ކުދިންގެ ތެރެއިން ކިނަ ޢަދަދެއްގެ ކުދިން ކިޔެވުމަށް ޝައުޤުވެރިވާ
މިންވަރު ދަށްވުމަކީ މިއަދު މުދައްރިސުންނަށް ދިމާވެފައިވާ ގޮންޖެހުން ތަކުގެ
ތެރޭގައި ހިމެނޭ ކަމެކެވެ. ޚާއްޞަ ގޮތެއްގައި ސެކަންޑްރީ ގްރޭޑް ތަކުގައި
ކިޔަވަމުންދާ ދަރިވަރުންގެ ކިބައިން މިކަން ފެންނަ މިންވަރު އިތުރުކަން
ފާހަގަވެއެވެ. ސުސަން ވާނަރ، (2014) ހާމަކުރައްވާ ގޮތުގައި، ދަރިވަރުން
އުނގެނުމަށް ޝައުޤުވެރިކުރުމަށްޓަކައި ކުލާހުގައިތިބި ހުރިހާ ދަރިވަރުންގެ
އުނގެނުމުގެ ސްޓައިލް އަށް އަމާޒުކޮށްގެން އުނގަންނައިދިނުން ވަރަށް މުހިންމެވެ. އެހެންކަމުން
މި ގޮންޖެހުން ޙައްލުކުރުމުގައި މުދައްރިސުން ގެ ކިޔަވައިދިނުމަށް އިންތިޒާމުކުރުމުގައި
ދަރިވަރުން ބޮޑަށް ބައިވެރި ކުރުވައިގެން އުނގަންނައި ދިނުމަށް ފިލާވަޅުތައް
ރާވަން ޖެހެއެވެ. ދަރިވަރުންގެ އުނގެނުމުގެ ސްޓައިލްއަށް ވިސްނައިގެން ފިލާވަޅު
ޕްލޭންކުރަންޖެހެއެވެ. ދަރިވަރުން ޝާމިލްވާ ކިޔަވައިދިނުމަށް މަގުފަހިވާ ޓީޗިންގ
ސްޓެރެޓަޖީ ތައް ބޭނުންކޮށްގެން ދަރިވަރުންގެ ވިސްނުމާއި ފިކުރު ތަނަވަސް
ދާއިރާއެއްގައި ބޭނުންކޮށް ހެދުމުގެ ފުރުޞަތު ދޭންޖެހެއެވެ. ދެންނެވިދިޔަ
ކަންތައްތަކަށް އިސްކަންދީގެން ކިޔަވައިދިނުން ފިލާވަޅުތައް ރާވާ، އިންތިޒާމު
ކުރަމުން ދާނަމަ ދަރިވަރުން،
އުނގެނުމަށް ދޭ ސަމާލުކަން އިތުރުވެ ޝައުޤުވެރިކަން އިތުރު ވެގެން ދާނެއެވެ.
މީގެއިތުރުން ދަރިވަރުންނަށް
އުނގަންނައިދޭ އެއްޗަކީ މައުނަވީ އެއްޗަކަށް ހަދަންޖެހެއެވެ. ދަރިވަރުންނަށް
ތަފާތުކަންކަމާ މެދު ވިސްނާ ބަހުސްކުރުމުގެ ފުރުޞަތު ދޭންޖެހެއެވެ. އެލާ ލޫސިއާ
މެންޒެސް، އޮލިވެލިއާ ޕެއިވާ، (2000) ހާމަކޮށްފައިވާ ގޮތުގައި، މައުނަވީ
ގޮތެއްގައި އުނގަންނައިދެވެމުން ދާނަމަ ދަރިވަރުންގެ ދިރިއުޅުމާ ގުޅުވާލައިގެން
އުނގެނުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެން ދެއެވެ. އެހެންވެ، މަޝްވަރާ
ކުރުމާއި، ޚިޔާލު ބަދަލު ކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ތަނަވަސްކޮށްދޭން
ޖެހެއެވެ. ހަމައެއާއެކު ޚިޔާލު ތަފާތުވިއެއް ކަމަކު އަޣުލަބިއްޔަތަށް ތަބާވުންފަދަ
ސިފަ އަށަގަންނާނެ ފަދަ ޙަރަކާތްތައް ހިންގުން އިތުރު ކުރަންޖެހެއެވެ. ޚާއްޞަ
ގޮތެއްގައި އުނގަންނައިދޭ ފިލާވަޅުތައް މައުނަވީ ގޮތެއްގައި ކުދިންގެ ދިރިއުޅުމާ
ގުޅުވާލައިގެން ކިޔަވައިދިނުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. އޭރުން މިފަދަ
ކުދިންނަކީ އަނެކުން ޤަބޫލުކުރާ މުޖުތަމަޢުގެ ތާއީދާއި ލޯބި ލިބިފައިވާ ބަޔަކަށް
ވާނެއެވެ. އަދި ބަވަނަވަންތަ ދުނިޔެއެއްގައި ބައިވެރިޔެއްގެ ގޮތުން އުޅުމަށް
ބޭނުންވާ ޢިލްމާ މަޢުލޫމާތު އަދި ހުނަރާއި ސިފަ ލިބިގެންވާ ސިފަވަންތަ ދިވެހި
ދަރިޔަކަށް ވެގެންދާނެއެވެ.
ދަރިވަރުންގެ ވިސްނުމާއި ހުނަރު
ތަރައްޤީ ކުރުމަށް އަދުގެ މަދުރަސީ ތަޢުލީމީ ނިޒާމުގެ ތެރޭގައި އެކަށީގެންވާ
ޒަމާނީ ވަޞީލަތަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ޚާއްޞަ ގޮތެއްގައި
ދަރިވަރުން ކިޔަވަމުން ގެންދާ މާއްދާތަކުން ހަދަންޖެހޭ އެކްސްޕެރިމަންޓް ތައް
ހަދާލާނެފަދަ ވަޞީލަތްތައް (ސައެންސް ލެބް، އިކްއިޕްމެންޓްސް، އިންޓަނެޓް،
ކުޅިވަރު ކުޅޭ ސާމާނު) ފަދަ ތަކެއްޗަކީ ކުދިންގެ ވިސްނުން ތަރައްޤީކޮށް
ކުރިއެރުވުމުގައި ވަރަށްބޮޑު ދައުރެއް އަދާކުރަމުން ގެންދާ ވަޞީލަތްތަކަށް ވީހިދު،
މިކަމަށް ޙައްލު ހޯދުމުގައި ބެލެނިވެރިންގެ ބައިވެރިވުން އިތުރުކޮށްގެން ފަންޑްރައިސް
ކުރުމާއެކު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެހީތެރިކަން ހޯދަން މަސައްކަތް
ކުރުމަކީ މިކަމަށް އެކަށީގެންވާ ޙައްލު ލިބިދާނެ ކަމެކެވެ. އަދި ހަމައެއާއެކު
ދެންނެވިދިޔަ ވަޞީލަތްތައް ލިބެން ނެތް ކަމުގައިވިޔަސް ސްކޫލް ނިސްބަތްވާ
މުޖުތަމަޢުގައި ލިބެންހުރި އެކަށީގެންވާ ވަޞީލަތްތައް ބޭނުންކޮށްގެންވެސް
ދަރިވަރުންނަށް ފިލާވަޅާ ގުޅޭ އެކްސްޕެރިމަންޓްތައް ހެދުމުގެ ފުރުޞަތު
ޓީޗަރުންނަށް ތަނަވަސް ކޮށްދެވިދާނެއެވެ.
ބޮންޑްލެސް އެޑިޔުކޭޝަން ސައިޓް، (2007) ގައި ހާމަކޮށްފައިވަނީ، ކިލާސްރޫމް
އުނގަންނައިދިނުމުގައި ޓެކްނޮލޮޖީ އަކީ އިންޓަރެކްޓިވް ޓީޗިންގއަކަށް ބޭނުންކުރެވޭ
އެންމެ މުހިންމު އެއް ވަސީލަތެވެ. އަދުގެ ދުނިޔެއަށް އައިސްފައިވާ ޓެކްނޮލޮޖީގެ
ކުރިއެރުމުގެ އަސަރު އަޅުގަނޑުމެންގެ މިދިވެހި ރާއްޖެއަށް މިވަނީ ވަރަށް ބޮޑަށް
ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންނަކީ އަމިއްލަ ދިރިއުޅުމުގައި
ޓެކްނޮލޮޖީ އާއި ވަރަށް ރައްޓެހި ބަޔަކަށް ވަނީވެފައެވެ. މި ރައްޓެހިކަން ސްކޫލް
މަދަރުސާ ކުދިންނަށްވެސް ވަނީ އައިސްފައެވެ. ދަރިވަރުންގެ ގޭގޭގައި އިންޓަނެޓްގެ
ވަޞީލަތްތައް ލިބެންހުރުމާއި، ސްމާރޓް މޮޑެލްގެ ވަޞީލަތްތައް ދަރިވަރުން ގޭގައި
ބޭނުން ކުރަމުން ދެއެވެ. އެހެންކަމުން ސްކޫލް ތަކަކީ ޒަމާނީ ޓެކްނޮލޮޖީ
ޤާއިމުކޮށްފައިވާ ޑިޖިޓަލައިޒު ކޮށްފައިވާ ސްކޫލަކަށް ހެދުން މިވަނީ ވަރަށް މުހިންމު
ކަމަކަށް ވެފައެވެ. ވީމާ ބެލެނިވެރިންނާއި، ސްކޫލް ގުޅިގެން އަދި ރަށުގެ
ކައުންސިލާއި، ވިޔަފާރިވެރިންގެ އެހީތެރިކަމާއެކު ސްކޫލް ކިލާސްރޫމްތައް ޑިޖިޓަލް
ކްލާސް ރޫމްތަކަކަށް ހެދި ދާނެއެވެ. އެހެނީ ދިވެހިންނަކީ އަބަދުވެސް ތަޢުލީމަށް
ލޯބިކުރާ އަދި ތަޢުލީމަށް ހޭދަކުރުމަށް ފަސްޖެހޭ ބައެއް ނޫނެވެ.
ދަރިވަރުންގެ ވިސްނުން ތަރައްޤީކޮށް
ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި ބެލެނިވެރިންގެ ދައުރަކީ ވަރަށް
މުހިންމު ދައުރެކެވެ. "ރިސާރޗްތަކުން ދައްކާގޮތުގައި ޅަފަތުގެ ތަޢުލީމުން
ފެށިގެން ފުރާވަރުގެ ތަޢުލީމަށް ދާންދެން ދަރިވަރުންގެ ތަޢުލީމީ ޙަޔާތުގައި
ރަނގަޅު ކާމިޔާބީ ޙާޞިލުކުރާ މިންވަރު، ބެލެނިވެރިންގެ ބައިވެރިވުން ލިބުނު
މިންވަރަކުން އިތުރުވަމުން ދެއެވެ." (އިވެންތިއާ އެން، ޕެޓްރިކަކޯއު 2008). އެހެންކަމުން ބެލެނިވެރިންގެ
ދައުރު ރަނގަޅަށް އޮޅުންފިލުވައިދީ ހޭލުންތެރި ކުރެވިދާނެއެވެ. އަދި
ބެލެނިވެރިންގެ ދައުރާ ބެލެނިވެރިންގެ މަސްއޫލިއްޔަތު ބުނެދީ ޒިންމާދާރު ކުރުމަކީ
މިކަމަށް ލިބިގެންދާނެ ހައްލެކެވެ. ބެލެނިވެރިންގެ ބެލެނިވެރިކަމުގެ ހުނަރު
ތަރައްޤީ ކުރުމަށް ޕްރޮގްރާމްތައް ހިންގައި ގިނަގިނައިން މަޢުލޫމާތު ދީ ހެދުމުން
ބެލެނިވެރިންގެ ދައުރު އިތުރު ވެގެން ދާނެއެވެ.
މަންހަޖު ނިންމުމަށް ސްކޫލުން އަޅާ
ބާރުގެ އިތުރުން ނަތީޖާ ނެރުމަށް ބާރުއަޅާ މިންވަރު އިތުރު ވުމަކީ ދަރިވަރުންގެ
ވިސްނުން ތަރައްޤީ ކުރުމަށް އޮތް ވަރަށްބޮޑު ގޮންޖެހުމެކެވެ. ނަމަވެސް
ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް ހިންގާ ގިނަ ޙަރަކާތްތައް ކުދިންގެ ވިސްނުން
ތަރައްޤީ ވާފަދަ ގޮތްތަކަށް ވިސްނުން ބަހައްޓައިގެން އިންތިޒާމު ކޮށް ހިންގަން
ފަށައިފިނަމަ ދަރިވަރުންގެ ނަތީޖާ ރަނގަޅު ވުމުގެ އިތުރުން ވިސްނުން ތަރައްޤީ
ވުމުގެ ފުރުޞަތު ތަނަވަސް ވެގެން ދާނެއެވެ.
ބެލެނިވެރިންނަށް ޤަބޫލުކުރެވޭ
ގޮތުގައި ކޮންމެ އެކަޑަމިކް އަހަރެއް ނިމޭއިރު ދަރިވަރުން ކިޔަވަން ބޭނުންކުރާ
ހުރިހާ ޓެކްސްޓް ފޮތެއް ހުންނަންވާނީ ދަރިވަރުން މަސައްކަތްކޮށް ނިންމާފައެވެ.
އެހެނަސް މިއީ ކުށްހީއެކެވެ. ދަރިވަރުންނަށް އުނގަންނައިދެނީ އެކުދިންގެ
ކަރިކިއުލަމްގައި ކަނޑައެޅިފައިވާ ބައިތަކަކާއި، މިންވަރެކެވެ. އިވެންތިއާ އެން،
ޕެޓްރިކަކޯއު، (2008) ހާމަކުރައްވާފައިވަނީ، ބެލެނިވެރިންނާއި،
މުދައްރިސުންނާ ދެމެދު ދަރިވަރުންގެ އުނގެނުމާއި އަދި އުނގެނޭ އެއްޗެއް
(ކަރިކިއުލަމް) އާއި ގުޅޭގޮތުން މަޢުލޫމާތު ދެވޭ މިންވަރަކުން ބެލެނިވެރިންގެ
ހޭލުންތެރިކަން އިތުރުވެގެން ދާނެއެވެ. އެހެންކަމުން ބެލެނިވެރިން ދަރިވަރުންގެ
މުޤައްރުތަކުގައިވާ ބައިތަކަށް އަހުލުވެރިކޮށް ހޭލުންތެރި ކުރުމަކީ ބެލެނިވެރިންގެ
ފަރާތުން މުދައްރިސުންނަށް އަންނަ ޕްރެޝަރ ކުޑަކުރެވޭނެ ކަމެކެވެ.
No comments:
Post a Comment