ދިވެހިރާއްޖޭގެ ސްކޫލް މަދަރުސާތައް
އުފެދިގެން އައިސް ދާދި ފަހަކާ ޖެހެންދެންވެސް ކިޔަވައި ދެވެމުން ގެންދެވުނީ
މުދައްރިސަށް ބަރޯސާކޮށްގެން ކިޔަވައިދޭ ކިޔަވައިދެވުމެވެ. މުދައްރިސް ކުލާހުގައި
ހުރިހާ ކަމެއް ކުރާ، ދަރިވަރުން ހަމައެކަނި އަޑުއަހަން ތިބޭ ކިވައިދިނުމުގެ އުކުޅެވެ.
މިގޮތަށް އުނގަންނައި ދިނުމުގައި ދަރިވަރުންގެ މާބޮޑު ދައުރެއް އުނގެނުމުގައި
ނޯވެއެވެ. ދަރިވަރުން ތިބޭންޖެހޭނީ އަޑުއަހާށެވެ. ނުވަތަ މުދައްރިސް އަންގާ ކަމެއް
ކުރާށެވެ. ހުރިހާ ދައުރެއް އަދާކުރާނީ މުދައްރިސެވެ. "ދިރާސާއަކުން
ހާމަކޮށްފައިވާ ގޮތުގައި ހަމައެކަނި ބަސްމަގު ބޭނުންކޮށްގެން އަޑުއެހުމުގައި
ދަރިވަރުން ހޭދަކުރާ ވަގުތުގެ %40 ވަގުތަކީ އެމީހުން ސަމާލުކަން ނުދޭ
ވަގުތެވެ." (ޕޮއްލިއޯ،1994).
ކޮންމެދުވަހަކު ސްކޫލަށް ދަރިވަރުން
އައިސް ކުލާހުގައި ތިން ހަތަރު ގަޑި ނިމެންދެން ހަމައެކަނި ދަރިވަރުންގެ
އަޑުއެހުމުގެ ޙިއްސު ގިނައިން ބޭނުންކުރަންޖެހޭ މުދައްރިސަށް ބަރޯސާކޮށް އުނގަންނައި
ދިނުމުގެ ސަބަބުން ދަރިވަރުންގެ ކިބައިން ވަރަށް މުހިންމު ގިނަ ސިފަތަކެއް
އުނިވެގެން ދާކަން ފާހަގަވެއެވެ. ވަރަށްގިނަ ހުނަރުތަކެއް ނެތި ގެއްލިގެން ދެއެވެ.
ހަމައެކަނި ކޮގްނިޓިވް ޑިވެލޮޕްމެންޓް ގެ މައްޗަށް ބިނާކޮށް އުނގަންނައި ދިނުމުގެ
ހަރަކާތްތައް އިންތިޒާމު ކުރުމުގެ ނަތީޖާއަކީ އަޅުގަނޑުމެންގެ މަންހަޖުގައި
ޙާޞިލުކުރަން ކަނޑައަޅާފައިވާ ގިނަކަންތައް ތަކެއް މަދުރަސީ ތަޢުލީމުގެ ތެރެއިން ދަރިވަރުން
ނިމިގެނދާއިރު ޙާޞިލުވެގެން ނުދިޔުމެވެ. "މިގޮތަށް ކިޔަވައިދޭނަމަ ކުރިއަރަނީ
ބުލޫމުސް ޓެކްސޮނަމީ 1956 ގައިފާހަގަ ކޮށްފައިވާ މަޢުލޫމާތުގެ އެންމެ ދަށް
ލެވެލްއެވެ" (ފެކަލްޓީ އޮފް އެޑިޔުކޭޝަން).
ދަރިވަރުންގެ ކިބާގައި އިސްނަގައި
މަސައްކަތް ކުރުމުގެ ހުނަރު ލިބިގެން ނުދިޔުމާއި ގުޅިގެން މަސައްކަތް ކުރުންފަދަ އިޖުތިމާޢީ
މުހިންމު ހުނަރުތައް މުދައްރިސަށް ބަރޯސާވާ އުނގަންނައި ދިނުމުގެ ތެރެއިން
އުނިވެގެން ދެއެވެ. އަމިއްލަޔަށް ކަންކަން ރާވާ އިންތިޒާމު ކުރުން ފަދަ މުހިންމު ބޭނުންތެރި
ހުނަރުތައް ދަރިވަރުންގެ ނެތިގެން ދެއެވެ.
މުދައްރިސަށް ބަރޯސާވެ އުނގަންނައިދިނުމަކީ ކޮބާ؟
ކޮންކޯޑިއާ ޔުނިވާސިޓީގެ އޮންލައިން ސައިޓްގައި
ހާމަކޮށްފައިވަނީ، މުދައްރިސުންނަށް
ބަރޯސާވާ އުނގަންނައި ދިނުމުގައި ހުރިހާ ކަމެއްވެސް ބަރޯސާ ވެގެންވަނީ
މުދައްރިސަށެވެ. ކުލާހުގައި ހުރިހާ ވާހަކަޔެއް ދައްކާ، ކަންކުރާނެގޮތް ބުނެދީ
އޮޅުން ފިލުވައިދޭނީ މުދައްރިސް އެވެ. ދަރިވަރުންނަށް ޖެހޭނީ ހަމައެކަނި އަޑު އަހާށެވެ.
ހަމައެއާއެކު ދަރިވަރުން މަސައްކަތް ކުރަންޖެހޭނީ އަމިއްލަ އަމިއްލަޔަށެވެ.
ކުދިންނާއި ގުޅިގެން މަޝްވަރާކޮށްގެން ކިޔެވުމުގެ އެއްވެސް ފުރުޞަތެއް
ނުލިބޭނެއެވެ.
މުދައްރިސަށް ބަރޯސާވެގެން އުނގަންނައި ދިނުމުގައިހުރި ބައެއް ފައިދާ.
މުދައްރިސަށް ބަރޯސާވެގެން އުނގަންނައި
ދިނުމުގެ ކުލާސްރޫމެއްގައި ކިލާސް އޮންނާނީ އަބަދުވެސް މުދައްރިސުގެ ކޮންޓްރޯލްގެ
ދަށުގައެވެ. އަދި އެކްޓިވިޓީ ގެންދާއިރުވެސް ދަރިވަރުން ތިބޭނީ މުދައްރިސްގެ
ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި، މުދައްރިސުން އަންގާ ގޮތަކަށް ކަންތައްތައް
ކުރުމަށެވެ.
މުދައްރިސަށް ބަރޯސާވެގެން އުނގެނޭ
ކުލާސްރޫމުގައި ދަރިވަރުންނަށް އަމިއްލަޔަށް އުނގެނެން ދަސްވެގެން ދެއެވެ.
އުނގެނުމުގެ ފުރިހަމަ ޒިންމާ ނަގަން ދަރިވަރަށް ބާރަށް އެނގިގެން ދެއެވެ.
މީގެއިތުރުން އަމިއްލަ ކަންކަން ނިންމުމުގައި އަމިއްލަޔަށް ފެންނަގޮތަށް ކަންކަން
ނިންމުމުގެ ފުރިހަމަ އިޚުތިޔާރު ލިބެއެވެ.
ކޮންކޯޑިއާ އޮންލައިން ސައިޓް، (2012) ހާމަކުރައްވާ ގޮތުގައި، މުދައްރިސަށް
ބަރޯސާވެގެން އުނގަންނައިދޭ ވެއްޓެއްގައި ދަރިވަރުން އަބަދުވެސް މަސައްކަތް
ކުރަމުން ގެންދާނީ މުދައްރިސް އެއީ މަގުދައްކާ އިރުޝާދު ދެއްވާ މީހެއްގެ
ގޮތުގައެވެ. މިކަމުގެ ނަތީއެއްގެ ގޮތުން ކިލާހުގައި ހިންގާ އެކްޓިވިޓީތަކުގައި،
ސިލަބަހުގެ އެއްވެސް ޓޮޕިކެއް އުނިވެގެން ދިޔުމުގެ ފުރުޞަތު ވަރަށް ބޮޑަށް ކުޑަވެގެން
ދެއެވެ.
މުދައްރިސަށް ބަރޯސާވެގެން އުނގަންނައި ދިނުމުގައިހުރި ބައެއް އުނި ކަންތައްތައް.
ކިލާހުގައި ދަރިވަރުން މަސައްކަތް
އަމިއްލަ އަމިއްލަޔަށް ކުރަންޖެހުމުން އެހެންކުދިންނާއި ގުޅިގެން މަސައްކަތް
ކުރުމުގެ ހުނަރު ދަށްވެގެން ދެއެވެ. ހަމައެއާއެކު ކުދިންގެ ކިބާގައި
މުއާމަލާތުކޮށް ހެދުމުގެ ހުނަރުވެސް ދަށްވެގެން ދެއެވެ.
މުދައްރިސަށް ބަރޯސާވެގެން އުނގަންނައި
ދިނުމުގައި، މުދައްރިސްގެ އޮޅުން ފިލުވައިދިނުން ވަނީ ދަރިވަރުންނަށް ވަރަށް
ފޫހިކަން ގެނެސްދޭ އަދި އެހާމެ ގަޔާނުވާ ކަމަކަށެވެ. މިހެންވުމުން ދަރިވަރުންގެ
ވިސްނުމާއި ޚިޔާލު އެހެން ދިމާލަކަށް އަމާޒުވެގެން ދެއެވެ. ނަތީޖާއަކަށް ވަނީ
މުދައްރިސް އޮޅުންފިލުވައިދޭ އެއްވެސް އެއްޗެއް ދަރިވަރަށް އޮޅުން ނުފިލުމެވެ. ކޮންކޯޑިއާ
އޮންލައިން ސައިޓް، (2012) ގައި ހާމަކުރައްވާ ގޮތުގައި، މުދައްރިސަށް
ބަރޯސާވެގެން ކިޔަވައިދޭއިރު، ދަރިވަރުންނަށް ފެންނަ ގޮތް ހާމަކޮށް އަދި ޚިޔާލު
ފާޅުކުރުމަށް ފުރުޞަތު ވަރަށްބޮޑަށް ހަނިވެފައި ވުމުގެ އިތުރުން ފުރުޞަތު ލިބެނީ
ހަމައެކަނި އަމިއްލަ އުނގެނުމާއި ގުޅޭގޮތުން ސުވާލު ކުރުމަށެވެ.
އާއިޝަތު ޒައީމާ، (2010) ހާމަކުރައްވާ ގޮތުގައި، މުދައްރިސަށް
ބަރޯސާވެގެން ކިވައިދިނުމުގައި ދަރިވަރުންނަށް ފެންނަ ގޮތް ހާމަ ކުރުމާއި
ހުށަހެޅުމުގެ އިތުރުން ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު އޮންނަނީ ވަރަށް ބޮޑަށް
ހަނިވެފައެވެ. ހަމައެކަނި ލިބިގެންދާނީ ތިމާގެ އަމިއްލަ މަސައްކަތާއި ގުޅޭގޮތުން
ސުވާލުކުރުމުގެ ފުރުޞަތެވެ. އަމިއްލަ ޚިޔާލަށް ކަމެއް ރާވައި އެކަމަކުން ލިބޭ
ނަތީޖާތައް ދެނެގަތުމުގެ ފުރުޞަތު ކުޑައެވެ.
ދަރިވަރުންގެ އުނގެނުން ކުރިޔަށް
ގެންދިޔުމުގައި މުދައްރިސަށް ބަރޯސާ ވެ އުނގަންނައި ދިނުން ވެގެންދަނީ،
ދެންނެވިދިޔަ ކަންތައްތަކުގެ އިތުރަށް އެތަށް ހުނަރަކާއި ސިފަތަކެއް ދަރިވަރުންގެ
ކިބައިން އުނިވެގެން ދާނެކަމަކަށެވެ. އަދި އުނގެނުމާމެދު އެހާމެ ފޫހިކަން
ގެނުވާވެސް ކަމަކަށެވެ.
ކަންމިހެންހުރިއިރު ދިވެހިރާއްޖޭގެ
ގިނަ ސްކޫލް މަދަރުސާތަކުގައި އަދިވެސް ބޭނުން ކުރެވެމުންދަނީ މުދައްރިސަށް
ބަރޯސާވެ އުނގެނޭ އުނގެނުމެވެ. ޕްރައިމަރީ ގްރޭޑް ތަކުގައި ދަރިވަރަށް ބަރޯސާ
ކޮށްގެން އުނގަންނައިދިނުން ކުރިޔަށް ގެންދެވުނު ނަމަވެސް ސެކަންޑްރީ
ކިލާސްތަކުގައި ކިޔަވައިދެވެމުންދަނީ މުދައްރިސަށް ބަރޯސާވާ އުނގަންނައިދިނުމެވެ.
ސަބަބުތަކުގެ ތެރެއިން އެއް ސަބަބެއް ކަމުގައި ބެލެވެރީ ތަމްރީނު ހޯދާފައިނުވާ ގިނަ
ޢަދަދެއްގެ ބިދޭސީ ޓީޗަރުން އެ ގްރޭޑްތަކަށް ކިޔަވައިދިނުމުގައި ބޭނުންކުރަން
ޖެހިފައިވާތީއެވެ.
ދަރިވަރުންނަށް ބަރޯސާކޮށްގެން ކިޔަވައިދިނުމަކީ ކޮބާ؟
ދަރިވަރުންނަށް ބަރޯސާކޮށްގެން
އުނގެނުމާއި އުނގަންނައިދިނުމަކީ ދަރިވަރުންގެ ބޭނުންތަކަށް އިސްކަންދީގެން އެކުދިންގެ
ބޭނުންތަކާއި ގުޅުވާލައިގެން އުނގެނުމުގެ ކަންތައްތައް ގެންދިޔުމެވެ. ޢައިޝަތު
ޒައީމާ، (2010) ހާމަކުރައްވާ ގޮތުގައި، މިއީ ދަރިވަރުން ވަރަށް ގަޔާވާ
އަދި އެހާމެ ޝައުޤުވެރިވާ އުކުޅެކެވެ. މި އުކުޅު ބޭނުންކުރުމުން ދަރިވަރުންގެ
ބައިވެރިވުން އިތުރު ކުރުވައެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް ކަރިކިއުލަމުން
ހާޞިލުކޮށްދިނުމަށް ކަނޑައަޅާފައިވާ ކޮންޓެންޓް ފޯރުކޮށްދިނުމަށް އެހީވެދެއެވެ.
ދަރިވަރުންނަށް ބަރޯސާވެ އުނގަންނައި
ދިނުމުގައި އެންމެ ބޮޑަށް މަގުފަހި ކޮށްދެނީ ދަރިވަރުން ޝައުޤުވެރިވާ ވެއްޓެއްގައި
އެކުދިން ގަޔާވާ އުނގެނުމުގެ ޙަރަކާތްތަކެއް ގެންދިޔުމަށެވެ. މިކަމުގެ ސަބަބުން
ވަކިވަކި ކުދިންގެ އުނގެނުމުގެ ހުނަރު ތަރައްޤީވެ ކުރިއަރައެވެ. ވިކަޕީޑިއާ، (2013) ގައިވާ ގޮތުން،
ދަރިވަރުންނަށް ބަރޯސާވެ އުނގަންނައިދިނުމަކީ ވަރަށް އުފެއްދުންތެރި އުކުޅެކެވެ.
މުދައްރިސާއި ދަރިވަރުންނާ ދެމެދު އުފެއްދުންތެރި މަޝްވަރާތައް ކުރުމަށް
މަގުފަހިވުމާއެކު، ދަރިވަރުން ފަރުވާތެރިކަމާއެކު އުނގެނުމުގައި ބައިވެރިވެ،
އަމިއްލަޔަށް ޒިންމާ ނަގާމިންވަރު އިތުރުކޮށްދެއެވެ. އަދި މައްސަލަތައް
ޙައްލުކުރުމުގެ ހުނަރު ތަރައްޤީ ވުމަށް ގިނަފުރުޞަތުތައް ދަރިވަރުންނަށް ލިބި،
އުފެއްދުންތެރި ޚިޔާލާއި ވިސްނުމުގެ ހުނަރު ކުރިއެރުވުމަށް އެހީތެރިވެ ދެއެވެ.
ދަރިވަރުންނަށް ބަރޯސާވެގެން
އުނގަންނައިދިނުމުގައި މުދައްރިސުގެ ދައުރަކީ ފެސިލިޓޭޓް ކޮށްދީ މަގުދައްކައިދޭ
މީހެއްގެ ދައުރެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް ޚިޔާލު ފާޅުކުރުމަށާއި،
މަޝްވަރާކޮށް ހެދުމުގެ ފުރުޞަތު ލިބިގެން ދެއެވެ. މީގެއިތުރަށް އުނގެނުމުގައި
ޒިންމާދާރު ވުމަށާއި، ޙަރަކާތްތެރި ކަމާއެކު އުނގެނި ދަސްކުރުމަށް ފަސޭހަވެގެން
ދެއެވެ.
ދަރިވަރުންނަށް ބަރޯސާކޮށްގެން ކިޔަވައިދިނުމުގައި ހުރި ބައެއްފައިދާ
ދަރިވަރުންނަށް ބަރޯސާކޮށްގެން
ކިޔަވައިދިނުމުން ވަކިވަކި ކޮންމެ ދަރިވަރެއްގެ ޤާބިލިއްޔަތުކަން ކުރިއަރައެވެ.
އަދި ދަރިވަރުންނަށް ޝައުޤުވެރި އުނގަންނައި ދިނުމުގެ ވެއްޓެއް ޤާއިމު ކުރުމަށް
މަގުފަހިވެއެވެ. އެހެންކަމުން މުދައްރިސުން ފިލާވަޅުތައް ރާވާއިރު ކިލާހުގައި ތިބޭ
ކޮންމެ ކުއްޖަކާމެދު ވިސްނައިގެން ފިލާވަޅުތައް ރާވަން ވާނެއެވެ. ލީ އާއި
ބައިވެރިން، (2003) ހާމަކުރައްވާ ގޮތުގައި، ދަރިވަރުންނަށް
ބަރޯސާކޮށްގެން އުނގަންނައި ދިނުމާއި ބެހޭގޮތުން ވަރަށްގިނަ ދިރާސާތަކެއް ކުރުމަށްފަހު
ހާމަކުރައްވާފައިވަނީ، އުނގަންނައިދިނުމަށް ޖުމްލަ ގޮތެއްގައި ދަރިވަރުންނަށް
ބަރޯސާކޮށްގެން ކިޔަވައި ދިނުމަކީ ވަރަށް ރަނގަޅު އުޞޫލެއް ކަމަށެވެ.
ދަރިވަރުންނަށް ބަރޯސާކޮށްގެން
ކިޔަވައިދިނުން އިންތިޒާމު ކުރަންވާނީ އެކުދިންގެ ފެންވަރަށް ބަލައި ޝައުޤުވެރި
އުނގަންނައިދިނުމެއް ދަރިވަރުންނަށް ފަހިކޮށްދިނުމަށެވެ. އަދި ދަރިވަރުންނަށް
ނޭނގޭ އެއްޗެއް އަމިއްލަޔަށް އުނގެނުމަށް ހިތްވަރު ލިބިގެންދާނެ ގޮތަކަށެވެ.
ޑޭމަލީން، (2009) ބަޔާން ކޮށްފައިވަނީ، ދަރިވަރުންނަށް ބަރޯސާ ވެގެން
އުނގަންނައި ދިނުމަކީ ދަރިވަރަށާއި، މުދައްރިސަށްވެސް ފައިދާތަކެއްހުރި މެތަޑެކެވެ.
އަދި ދަރިވަރުންގެ ހުނަރު ތަރައްޤީވުމާއެކު މައުނަވީ ގޮތެއްގައި ދިރިއުޅުމަށް
ބޭނުންވާނެ މަޢުލޫމާތު ހޯދުމަށް އެހީތެރިވެދޭ މެތަޑެކެވެ.
ދަރިވަރުންނަށް ބަރޯސާކޮށްގެން
ކިޔަވައިދިނުމުން ފޮރިންގ ލެންގްއޭޖް (ބަހުގެ) ހުނަރު އިތުރަށް ތަރައްޤީވުމުގެ
ފުރުޞަތު ބޮޑުވެގެން ދެއެވެ. ކިލާހުގައި ހިންގާ އެކްޓިވިޓިގެ ތެރެއިން
ދަރިވަރުންގެ ބަސްމޮށުންތެރިކަން ތަރައްޤީވެ ވޮކިއުބްލަރީ މުއްސަދިވުމަށް
އެހީވެދެއެވެ. މީގެއިތުރުން ދަރިވަރުންނާއި ސްކޫލާދެމެދު ގާތް އެކުވެރި ގުޅުމެއް
އުފެދިގެން ދެއެވެ.
ދަރިވަރުންނަށް ބަރޯސާކޮށްގެން ކިޔަވައިދިނުމުގައި ހުރި ބައެއް ގެއްލުން
ދަރިވަރުންނަށް ބަރޯސާކޮށްގެން
ކިޔަވައިދިނުމުގައި ކުލާހުގައި އެކްޓިވިޓީ ހިންގާއިރު ދަރިވަރުންގެ ބޭކާރު
ވާހަކަތައް ގިނަވެ، ކިލާސްރޫމުގައި އަޑުގަދަވުމުގެ ފުރުޞަތު ބޮޑެވެ. ސައިމަން (1999) ހާމަކުރައްވާ ގޮތުގައި، ސްކޫލެއްގައި ވީހާވެސް ބޮޑަށް ދަރިވަރުން
ބައިވެރިކޮށްގެން ކިޔަވައިދޭއިރު ދިމާވެދާނެ މައްސަލަތަކެއް އެބަހުއްޓެވެ. އޭނާ ވިދާޅުވި
ގޮތުގައި ކޮންމެ ދަރިވަރަކީ ވެސް ވަކިހުނަރު ތަކަކާއި ވަކި ތަފާތު ކަންތައް
ތަކަކަށް ލޯބިކުރާ ދަރިވަރަކަށް ވީހިނދު ދަރިވަރުންނަށް ބަރޯސާ ކޮށްގެން ކިޔަވައިދިނުމުގައި
ހުރިހާ ދަރިވަރުންނަށް ދޭންވާ ސަމާލުކަން އެންމެ އެކަށީގެންވާ ގޮތެއްގައި
ނުދެވިދާނެއެވެ. އަދި އިތުރަށް އަލިއަޅުއްވާ ލައްވާފައިވާ ގޮތުގައި ކޮންމެ ކޮންމެ
ދަރިވަރަކީ ވަކިވަކި ކަންތައްތަކަކަށް ހޭނިފައިވާ ދަރިވަރަކަށްވާތީ މިގޮތަށް
ކިޔަވައިދިނުމުގައި އެންމެ އެކަށީގެންވާ ގޮތެއްގައި ކިޔަވައިދިނުން ކުރިޔަށް
ގެންދިޔުމަކީ ދަތިކަމަކަށް ވެގެން ހިނގައިދާނެއެވެ.
ދަރިވަރުން ގްރޫޕްތަކުގައި
މަސައްކަތްކުރާއިރު އެކުދިންގެ ބޭނުންތައް އޮޅުންފިލުވައިދީ އަންގައި ދިނުމުގައި
މުދައްރިސަށް ވަގުތު މެނޭޖްކުރުމަށް ވަރަށްބޮޑަށް ދަތިވެގެން ދެއެވެ. މުދައްރިސް،
ދަރިވަރުން މަސައްކަތް ކުރަންވީ ގޮތް އަންގައިދީ އޮޅުން ފިލުވައިދެނީ އެއްފަހަރާ
ކަމަށްވުމުން، ބައެއްކުދިންނަށް މުދައްރިސް ކިޔައިދެއްވާ އެއްޗެއް އޮޅުން
ނުފިލުމުގެ ފުރުޞަތު އޮވެއެވެ.
ގްރޫޕްމަސައްކަތް ކުރުމުގައި ކުދިންގެ
މެދުގައި މަސައްކަތްތައް ރަނގަޅަށް އިންތިޒާމު ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން
ގްރޫޕްގައި ކުރަންޖެހޭ މަސައްކަތް ވަކިވަކި ކުދިން ކުރަންޖެހެއެވެ. ނުވަތަ
އެއްބަޔަކު ކުރަންޖެހޭ ފަހަރު އާދެއެވެ. ބްރެޑޯ (1999) ފާހަގަ ކުރައްވާ ގޮތުގައި، ދަރިވަރުން އަމިއްލައަށް އުނގެނުމުގެ މި އުކުޅުގައި
އުނގެނެންވީ މަގު ނުވަތަ ރާސްތާ ކަނޑައަޅަނީ ދަރިވަރުން އަމިއްލަޔަށް ކަމަށްވާތީ،
ދަރިވަރުންގެ ކިބާގައި އަށަގަންނަންޖެހޭ އިޖުތިމާޢީ ރޫޙު ނުވަތަ
އެއްބައިވަންތަކަން ނެތިގެން ދާގޮތްވެއެވެ.
ކޮންމެއަކަސް، މުދައްރިސަށް ބަރޯސާވެ
އުނގެނޭ އުނގެނުމުގައިވެސް ދަރިވަރުންގެ ވިސްނުން ތަރައްޤީ ކުރުމަށް މަގުފަހިކޮށްދޭ
ބޭނުންތެރި ރަނގަޅު ގޮތްތަކެއް ހުރިކަން ފާހަގަ ވެއެވެ. އަދި ދަރިވަރަށް ބަރޯސާ
ކޮށްގެން ކިޔަވައިދިނުމުގައި ދަރިވަރުންގެ ވިސްނުން ތަރައްޤީ ކުރުވާނެ ވަރަށްގިނަ
އުކުޅުތައް ހުރިކަން ހާމަވެގެން ދިޔައެވެ. ކަންމިހެން ހުރިނަމަވެސް، ދަރިވަރުންގެ
އުންގެނުން ކުރިޔަށް ގެންދިޔުމުގައި މުދައްރިސަށް އިސްކަންދޭ (ޓީޗަރ ސެންޓާރޑް)
ކިޔަވައިދިނުމަށް ވުރެ ދަރިވަރަށް އިސްކަންދޭ (ސްޓޫޑެންޓް ސެންޓާރޑް) ފަލްސަފާ، ދިވެހިރާއްޖޭގެ
ސްކޫލްތަކުގައި ކިޔަވައިދޭން ބޭނުންކުރަން ރަނގަޅުކަމަށް ޤަބޫލުކުރާ ޓީޗަރުން
އަންނަނީ އިތުރުވަމުންނެވެ. މިއީ ދިވެހިރާއްޖޭގެ ޤައުމީ ފަލްސަފާ "ޤައުމީ
ފަލްސަފާގެ މައިގަނޑު މަޤުޞަދަކީ އިސްލާމީ ދިވެހި މުޖުތަމަޢުގައި ބައިވެރިއެއްގެ
ގޮތުންނާއި، އަމިއްލަ ފަރުދެއްގެ ގޮތުން ތިމާއަށާއި، ތިމާގެ ޢާއިލާ އަށާއި، ތިމާގެ
ރަށަށާއި، ތިމާގެ ޤައުމަށް ފައިދާ ކުރަނިވި ހަރުދަނާ މީހަކަށް ވުމުގެ ޤާބިލިއްޔަތު
ލިބިދިނުމަށްޓަކައި، ކުއްޖާގެ ވިސްނުމާއި، ހަށިގަނޑާއި ރޫޙީބައި ތަރައްޤީކޮށް
ހާނައި ތަރުބިއްޔަތު ކޮށްދިނުމާއި، އަދި ބޭނުންވާ ހުނަރުތައް ލިބިދިނުމެވެ."
ގައިވާ ފަދަ ދިވެހި ދަރިޔަކު އުފެއްދުމަށް މަގުފަހި ކޮށްދޭ ކަމެކެވެ. އަހޮލާ (1995) ހާމަކުރައްވާ ގޮތުގައި، ޒަމާނުއްސުރެ ބޭނުންކުރާ ކިޔަވައިދިނުމުގެ
މުސްކުޅިގޮތާއި ދަރިވަރުންނަށް ބަރޯސާކޮށްގެން ހިންގޭ އުނގަންނައިދިނުމުން،
އުނގެނުން ފަށައިގަތުމުގައި ދަރިވަރުން ކުޑަކޮށް ލަސްކަމަށް ފާހަގަ ކުރެވުނަސް،
ދަރިވަރުން އުނގެނުމުގެ ގޮތްތަކާއި، ދޭހަވާ ދޭހަވުމާއި ދަރިވަރުންނަށް ލިބިދޭ
ހުނަރުތައް އިތުރުވެގެން ދެއެވެ.
މުދައްރިސަށް ބަރޯސާކޮށްގެން
ކިޔަވައިދޭ ކިޔަވައިދިނުމަކީ ވަރަށް ބޮޑަށް މުދައްރިސަށް ބަރޯސާވެ، މުދައްރިސްގެ
ޙަރަކާތް ގިނަ އުނގަންނައިދިނުމުގެ އުޞޫލެކެވެ. މި އުޞޫލަކީވެސް ދަރިވަރުން
ވަކިގޮތަކަށް ކަންތައްތައް ކުރަންޖެހޭ ގޮތަކަށް އިރުޝާދުދީ ހެދުމަށް ފަސޭހަ
ގޮތެކެވެ. އަދި ކިލާސް، މުދައްރިސްގެ
ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ބާއްވައިގެން އޮޅުންފިލުވައި ދިނުމަށް ފަސޭހަ
ގޮތެއްވެސް މެއެވެ. އެހެންކަމުން އަޑުއެހުމުގެ ހުނަރު އަދި ވަކިވަކި ކުދިންގެ
ފެންވަރު ބަލަން ދެވޭ މަސައްކަތްތަކާއި، ޕްރޮޖެކްޓްތައް ހެދުމަށް މުދައްރިސަށް
ބަރޯސާކޮށްގެން ކިޔަވައިދޭ އުޞޫލު ބޭނުން ކުރެވިދާނެކަމަށް ދެކެމެވެ.
ޕައިލްސް ބްލަންބާގް (2004) ހާމަކުރައްވާ ގޮތުގައި،
ދަރިވަރަށް ބަރޯސާކޮށްގެން ކިޔަވައިދިނުމުން ދަރިވަރުން ތަޢުލީމީރޮގުން މަތީ
ހަރުފަތްތަކަށް ދާން ވަރަށް ބޮޑަށް ހިތްވަރު ލިބިގެން ދެއެވެ. އެހެންކަމުން ދަރިވަރުންނަށް
ބަރޯސާކޮށްގެން ކިޔަވައިދިނުމަކީ ދަރިވަރުންނަށް ނުހަނު ލާބަޔާއި މަންފާހުރި
ގޮތެކެވެ. އެކުދިންގެ ވިސްނުން ތަރައްޤީވެ ކުރިއަރައި، ދުޅަހެޔޮ ވިސްނުމުގެ
ވެރިޔަކަށް ވުމަށް ފުރުޞަތު ލިބިދޭ ކަމެކެވެ. އުނގެނުމުގައި އަމިއްލަޔަށް ޒިންމާ
ދާރުވުމަށާއި، އަނެކުންނާއި ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން ޑިމޮކްރެސީގެ
އުޞޫލުތަކާއި ހަމަތައް ބަލައިގަނެ އެއަށް ލޯބިކުރުމުގެ ސިފަ އަށަގަންނުވައެވެ.
އަނެކުންގެ އިޙުސާސްތައް ބަލައިގަތުމާއި އިޙުތިރާމު ކުރުމުގެ އަގުމާތް ސިފަ
އަށަގަނެއެވެ. އެހެންކަމުން ދަރިވަރުންނަށް ދެވޭ އެންމެހައި މަސައްކަތްތަކަކީ
ނުވަތަ ޙަރަކާތްތަކަކީ ދެންނެވިދިޔަ ކަންކަން ތަރައްޤީ ވެގެންދިޔުމަށް ބާރުލިބޭ
އެކްޓިވިޓީތަކަށް ހަދަންވާނެއެވެ. ކޮންމެ ފިލާވަޅެއްގައިވެސް މަދުވެގެން އެއް
އެކްޓިވިޓީ ދަރިވަރުންނަށް ބަރޯސާކޮށް އުނގެނޭ އުނގެނުމަކަށް ހެދުން ވަރަށް
މުހިންމެވެ. މުދައްރިސުންގެ އުނގަންނައިދިނުން މިގޮތަށް ފަރުމާ ކޮށްގެން
ގެންދާނަމަ ދަރިވަރުންނަށް ލިބިދިނުމަށް ކަރިކިއުލަމްގައި ބާރުއަޅާފައިވާ
ސިފަތަކާއި ހުނަރު ލިބިގެންދާނެކަމަށް އަޅުގަނޑު ދެކެމެވެ.
ދަރިވަރުންނަށް ބަރޯސާކޮށްގެން
އުނގަންނައިދިނުމުގައި އެކުދިން ކިޔަވާނެ އެއްޗެއް ކަނޑައަޅަނީ އެކުދިންނެވެ. މިއީ
ދިވެހިރާއްޖޭގެ އަދުގެ ޙާލަތައް ބަލާއިރު އަދި ކަން ކުރެވެން އޮތް ގޮތެއްކަމުގައި
ނުދެކެމެވެ. އެހެނީ ސްކޫލް މަދަރުސާތަކުގައި މަސައްކަތްކުރާ މުދައްރިސުން މި
އުކުޅު ބޭނުންކުރަން އެހާ ފަރިތަވެފައިނުވުމާ، ބެލެނިވެރިންގެ ޤަބޫލުކުރުން ހުންނަ
ގޮތުންނެވެ. ނަމަވެސް އަދު، ސްކޫލްތަކުގައިހުރި ރިސޯސް ބޭނުންކޮށްގެން ހާލަތާއި
ގުޅޭގޮތަށް މިހާރުވެސް ދަރިވަރުންނަށް ބަރޯސާކޮށްގެން އުނގަންނައިދޭން ފެއްޓުން
މުހިންމެވެ. ސަބަބަކީ ދިވެހިރާއްޖޭގެ ޤައުމީ މަންހަޖުގައި ބުނާފަދަ ދިވެހި ދަރިޔަކު
އުފެއްދޭނީ، އަދި އެފަދަ ދަރިއެއްގެ ކިބާގައި ހުރުމަށް
ބޭނުންވާ ގިނަ ސިފަތައް އަށަގަންނާނީ، ދަރިވަރުންނަށް ބަރޯސާ ކޮށްގެން އުނގަންނައި
ދިނުމުގެ އުކުޅު ބޭނުންކުރި މިންވަރަކުން ކަމުގައި ދެކެމެވެ.
No comments:
Post a Comment